ރޮނާލްޑޯގެ ކެޕްޓަން އާމްބޭންޑެއް ނީލަމުގައި ވިއްކާލަނީ

ކްރިސްޓިއާނޯ ރޮނާލްޑޯގެ ކެޕްޓަން އާމްބޭންޑެއް ނީލަމުގައި ވިއްކާލަން އިއުލާނުކޮށްފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި އާމްބޭންޑަކީ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ޕޯޗުގަލް އާއި ސާބިއާ މިދިޔަ ހޮނިހިރު ދުވަހު ބައްދަލުކުރި މެޗްގައި ރޮނާލްޑޯ ބޭނުންކުރި އާމްބޭންޑެވެ.

ނީލަމުގައި މި އާމްބޭންޑް ވިއްކާލަނީ ސާބިއާގެ އުމުރުން ހަ މަހުގެ ފިރިހެން ކުއްޖެއްގެ އޮޕަރޭޝަނަކަށް ބޭނުންވާ ފައިސާ ހޯދުމަށެވެ. މެޗަށްފަހު މި އާމްބޭންޑް ހޮވާފައިވަނީ ސްޓޭޑިއަމްގައި މަސައްކަތްކުރާ މީހެކެވެ. މި ނީލަން ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށްދާނެއެވެ.

ސާބިއާ އާއި ޕޯޗުގަލް ބައްދަލުކުރި އެ މެޗު ނިމުނީ 2 ލަނޑު 2 ލަނޑުން އެއްވަރުވެގެންނެވެ.