ނިކަމެތި ހާލުގައި އުޅޭ މީހުންނަށް އެހީވުމަށް ޕްލެޓްފޯމެއް އުފައްދަނީ
ނިކަމެތި ހާލުގައި ދިރިއުޅޭ މީހުންނަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ ޕްލެޓްފޯމެއް އުފެއްދުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި ޕްލެޓްފޯމްއަކީ "އެހީ" ޖަމިއްޔާގެ ޕްލެޓްފޯމްއެކެވެ. އޮންލައިން ކްރައުޑް ފަންޑިންގް ޕްލެޓްފޯމް އުފެއްދުމުގެ އެއްބަސްވުމުގައި "އެހީ" ޖަމިއްޔާ އާއި "ޖަވާބު ޕްރައިވެޓް ލިމިޓެޑް" އިން ވަނީ ސޮއިކޮށްފައެވެ.
"ރޭގަަ" އަށް މައުލޫމާތު ދެއްވަމުން ވެބް ޑިޒައިން އާއި އެޕް ޑިވެލޮޕްމަންޓް ހިދުމަތް ދެމުން އަންނަ ކުންފުނި، "ޖަވާބު" ގެ ސީއީއޯ މުހައްމަދު ޖައިލަމް ވިދާޅުވި ގޮތުގައި މި ޕްލެޓްފޯމަކީ "އެހީ" ޖަމިއްޔާގެ އިނީޝިއޭޓިވްއެކެވެ. ބޭސްފަރުވާއަށް މާލީ އެހީތެރިކަން ބޭނުންވާ މީހުންނާއި ނިކަމެތި ހާލުގައި ދިރިއުޅޭ މީހުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ މީހުންނަށް އެ ފުރުސަތު މި ޕްލެޓްފޯމްގެ ސަބަބުން ހުޅުވިގެންދާނެ ކަމަށް ޖައިލަމް ވިދާޅުވިއެވެ.
ޖައިލަމް ވިދާޅުވި ގޮތުގައި މި ޕްލެޓްފޯމްގެ މަސައްކަތް "ޖަވާބު" އިން ކުރާނީ އެ ކުންފުނީގެ ސީއެސްއާރްގެ ދަށުންނެވެ.
"ބޭސްފަރުވާ ކުރުމަށް މާލީ އެހީތެރިކަން ބޭނުންވާ މީހުންނާއި ނިކަމެތި ހާލުގައި ދިރިއުޅޭ މީހުންނަށް، އެ މީހުންގެ މައުލޫމާތު މި ޕްލެޓްފޯމްގައި އަޕްލޯޑް ކުރެވޭނެ. ބޭސްފަރުވާއަށް އެހީތެރިކަން ބޭނުންވާ މީހުންނަށް މެޑިކަލް ޑޮކިއުމެންޓްތައް އަޕްލޯޑް ކުރެވޭނެ. މި ޕްލެޓްފޯމްގައި އަޕްލޯޑްކުރާ ޕްރޮފައިލްތައް ވެރިފައިކުރުމުގެ މަސައްކަތް އެހީ ޖަމިއްޔާއިން ކުރާނެ" މުހައްމަދު ޖައިލަމް ވިދާޅުވިއެވެ.
މި ޕްލެޓްފޯމް ހަދާނީ ބީއެމްއެލް ޕޭމަންޓްގޭޓްވޭ އާއެކުގައި ކަމަށް ޖައިލަމް ވިދާޅުވިއެވެ. ޕްރޮފައިލްއަށް އާންމުން ދޭ ފައިސާ، "އެހީ" ޖަމިއްޔާއިން އެ ފަރާތަކަށް ހަވާލުކުރާނެ ކަމަށް ޖައިލަމް ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ހަތަރު މަސް ދުވަހުގެ ތެރޭގައި މި ޕްލެޓްފޯމްގެ މަސައްކަތް ނިމި އާންމުންނަށް ބޭނުން ކުރެވޭނެ" ޖައިލަމް ވިދާޅުވިއެވެ.
އެހީ ފޯރުކޮށްދޭ މީހާއަކީ ކާކުކަން ނޭނގޭ ގޮތަށްވެސް މި ޕްލެޓްފޯމް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް ޖައިލަމް ވިދާޅުވިއެވެ.