ޖަލުން ނުކުތުމަށް ބައެއް މީހުން ކޮށްފަހުރި ތަފާތު ކަންތައް
ތަފާތު އެކި ކުށްކުށުގައި ޖަލަށްލެވޭ މީހުންގެ ތެރެއިން ބައެއް މީހުން ޖަލުން ފިލައިގެން ދާ ވާހަކަ އަޑު އަހާނެއެވެ. ބައެއް ފިލްމްތަކުންވެސް، މޮޅެތި ޕްލޭންތައް ހަދައިގެން ޖަލުން ފިލާ މަންޒަރު ފެނިފައި ހުންނާނެއެވެ. މިފަހަރު ކިޔައިދޭން މިއުޅެނީ ހަމަ ހަގީގަތުގައިވެސް ހިނގާފައި ހުރި ހާދިސާތަކަކަށެވެ.
މެކްސިކޯގައި މަސްތުވާތަކެތި ޓްރެފިކް ކުރާ މައްސަލައިގައި ޖަލަށްލެވުނު މީހެއް ޖަލުން ފިލުމަށް ހެދުން އެޅީ އޭނާގެ އަންހެން ދަރިފުޅާއި އެއްގޮތަށެވެ. އިސްތަށިގަނޑަކާއި މާސްކެއްގެ އެހީގައި މީނާ ޖަލުން ނުކުންނަން އުޅުނުކަމުގައި ވިޔަސް ޖަލުގެ ގާޑުން ވަނީ އޭނާ ހިފަހައްޓާފައެވެ.
ދެކުނު ކޮެރެއާގައި 2012 ވަނަ އަހަރު ޗޮއި ގެޕް-ބޮކް ނަމަކަށް ކިޔުނު މީހެއް ވައްކަން ކުރުމުގެ ތުހުމަތުގައި ޖަލަށްލެވުނެވެ. މީނާއަކީ އިސްކޮޅުގައި ފަސް ފޫޓު ހަތަރު އިންޗި ހުންނަ އަދި ބަރުދަނުގައި 53 ކިލޯ ހުންނަ މީހެކެވެ. ޔޯގާގެ މާހިރެއް ކަމަށްވާ ޗޮއި ގެޕް-ބޮކް ޖަލުން ފިލީ، ޖަލު ގޮޅިއަށް ކާ އެއްޗެހި ވެއްދުމަށް ކަނޑާފައިވާ ކުޑަކުޑަ ގޮޅިން ދެމިގަނެގެންނެވެ. ނަމަވެސް ހަ ދުވަސް ފަހުން ދެކުނު ކޮރެއާގެ ފުލުހުން ވަނީ މީނާ ހައްޔަރުކޮށްފައެވެ. މިފަހަރު މީނާ ހައްޔަރުކޮށްފައި ބެހެއްޓީ، ކާ އެއްޗެހި ވައްދާ ގޮޅި ކުރިޔަށްވުރެ ކުޑަކޮށް ތައްޔާރުކޮށްފައިވާ ޖަލު ގޮޅިއަކަށެވެ.
ފަރަންސޭސި ވިލާތުގެ މިއިކަލް ކިޔާ މީހެއް، ފޭރުމާއި މީހުން މަރަން އުޅުމުގެ ތުހުމަތުގައި ޕެރިސްގެ ޖަލަކަށް ލެވުނެވެ. މީނާގެ އަނބިމީހާ، ނަޑިން 1986 ވަނަ އަހަރު ހެލިކޮޕްޓަރު ދުއްވަން ދަސްކުރުމަށްފަހު މައިކަލް ހައްޔަރުކޮށް ބަހައްޓާފައިވާ ޖަލުގެ ފުރާޅު މައްޗަށް ހެލިކޮޕްޓަރުގައި ޖެއްސިއެވެ. މައިކަލް ފުރާޅާއި ހަމައަށް ދިޔައީ ގާޑުންނަށް ބިރު ދައްކައިގެންނެވެ. ބިރު ދައްކަން މީނާ ބޭނުންކުރީ ގްރެނޭޑް ގޮތަށް ކުލަ ޖައްސާފައި ހުރި މޭވާއެކެވެ. ފްރާންސްގެ ފަހުން ވަނީ ނަޑިން ހައްޔަރުކޮށްފައެވެ. ފޭރުމުގެ އެހެން މައްސަލައެއްގައި އުޅެނިކޮށް މައިކަލްގެ ބޮލަށް ބަޑި ޖަހާ އޭނާ ވަނީ މަރާލާފައެވެ.
ދެހާސް ފަނަރަ ވަނަ އަހަރު މީހުން މެރި ކަމުގެ ކުށް ސާބިތުވެ ދެ މީހަކު ޖަލަށްލެވުނެވެ. އެ މީހުން ހައްޔަރުކޮށްފައި ބެހެއްޓީ ނިއުޔޯކްގެ ސެކިއުރިޓީ ވަރުގަދަ ކްލިންޓަން ކަރެކްޝަނަލް ފެސިލިޓީގައެވެ. އެ މީހުން ޖަލުން ފިލީ ވަޅު ކޮނެގެން ނުކުމެއެވެ. ވަޅު ކޮންނަން ބޭނުންކުރީ ޖަލުގެ ވަޑާން ފިހާރައިގައި ހުރި ސާމާނެވެ. ޖަލުން ފިލި އެ ދެމީހުން ހައްޔަރުކުރެވުނީ ޖަންގަލީގައި ފިލައިގެން އުޅޭތާ ތިން ހަފުތާ ފަހުންނެވެ.