ބޮޑު ޗުއްޓީގައި ކުރެވިދާނެ ކަންތައްތައް : 1 ވަނަ ބައި

ދިރާސީ އަހަރުގެ ކިޔެވުން ނިމި، ދަރިވަރުންނަށް ބޮޑު ޗުއްޓީ ލިބުނީއެވެ. މިއީ އަހަރުގެ ތެރޭގައި، އާއިލާތަކުން އެންމެ އިންތިޒާރުކުރާ ދުވަސްކޮޅެވެ. މައިންބަފައިންވެސް އޮފީހުން ޗުއްޓީ ނަގައި، އާއިލާއާއެކު ވަގުތު ހޭދަކުރާ ދުވަސްކޮޅެވެ.

މި ޗުއްޓީގެ ބޭނުން ހެޔޮ ގޮތުގައި ހިފައި، މިއީ އުފާވެރި އަދި ބޭނުންތެރި ދުވަސްކޮޅަކަށް ހަދަން ހިނގާށެވެ. މިއީ މި ޗުއްޓީއަކީ ބޭނުންތެރި އަދި އުފާވެރި ދުވަސްކޮޅަކަށް ހެދުމަށް ކުރެވިދާނެ ބައެއް ކަންކަމެވެ.

ދީނީ ކަންކަން އިސްކުރުން

ބެލެނިވެރިން ނަމާދަށް ދާއިރު ދަރިފުޅުވެސް ގޮވައިގެން ދާށެވެ. މިކަމުގައި ބެލެނިވެރިންވެސް ނަމޫނާ ދައްކަންވާނެއެވެ. ނަމަވެސް ދަރިފުޅު ގާތު ނަމާދު ކުރުމަށް ބުނެ، ބައެއް ބެލެނިވެރިން ނަމާދު ނުކޮށް އެހެން ކަންކަމުގައި މަސްއޫލުވެގެން އުޅޭތަން ފެނެއެވެ. އަދި ކޮންމެ ދުވަހަކުވެސް ޤްރުއާން ކިޔެވުމަށް ދަރިފުޅަށް ބާރު އަޅާށެވެ.

ޗުއްޓީ، ނަމަވެސް ފިލާވަޅު ދަސްކުރަން ވާނެ

އަންނަ އަހަރުގެ ކިޔެވުން ފެށެންވާއިރަށް، ދަރިފުޅު އެކަމަށް ތައްޔާރު ކުރުވާށެވެ. ބޮޑު ޗުއްޓީގައި އެއްވެސް ވަރަކަށް ފިލާވަޅު ދަސްނުކުރާނަމަ، އާ ދިރާސީ އަހަރު ފެށިގެން ފިލާވަޅުތައް ދަސްކުރަން ޖެހުމުން އުނދަގޫތަކެއް ދިމާވެދާނެއެވެ.

މިއަހަރު އެންމެ އުނދަގޫވި މާއްދާތައް ފާހަގަކޮށްލާށެވެ. އެ މާއްދާތަކުން ކުދި ފިލާވަޅުތަކެއް ތައްޔާރުކޮށް ދަރިފުޅު ލައްވާ އެ ފިލާވަޅުތައް ހަދާށެވެ. ކުރިއަށް އޮތް ގްރޭޑްގެ ޓެކްސްޓް ފޮތްތަކާއި ފިލާވަޅުތައް ކޮންމެވެސް ވަރަކަށް ދަސްކޮށްލާށެވެ.

ފަތަން އެނގޭތަ؟

ރާއްޖޭގެ ރަށްތައް ވަށައިގެން ވަނީ ކަނޑެވެ. ކަނޑު ހުރަސްކޮށް ދަތުރުކުރަން ޖެހެއެވެ. ފަތަން ނޭނގޭ ކުދިން އަދިވެސް އެބަތިއްބެވެ. މިއީ ފަތަން ދަސްކޮށްލަން ލިބޭނެ ވަރަށް ރަނގަޅު ޗުއްޓީއެކެވެ. ބެލެނިވެރިންގެ އެހީއާއެކު ފަތަން ދަސްކޮށްލުމަކީ މި ޗުއްޓީގައި ކޮށްލެވޭނެ ކަމެކެވެ.

ކާ އެއްޗެއް ތައްޔާރުކޮށްލުން

ކުދިން ބައިވެރިކުރުވައިގެން، ގޭގައި މީރު ކާ އެއްޗެއް ތައްޔާރުކޮށްލެވިދާނެއެވެ. ބެލެނިވެރިންގެ އިރުޝާދުގެ ދަށުން، ކުދިންނަށް ބައެއް ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދެވިދާނެއެވެ. ސޭންޑްވިޗް، ކޭކު އަދި މިނޫންވެސް އެއްޗެއް ތައްޔާރުކޮށްލެވިދާނެއެވެ.

އާއިލީ އަދި އެކުވެރިކަމުގެ ގުޅުން ބަދަހިކޮށްލަމާ

މި ޗުއްޓީއަކީ އާއިލީ އަދި އެކުވެރިކަމުގެ ގުޅުން ބަދަހިކޮށްލެވޭނެ ޗުއްޓީއަކަށް ހަދަން ހިނގާށެވެ. ތިމާގެ މީހުން ނުވަތަ ގާތް އެކުވެރިއަކަށް ޒިޔާރަތްކުރާއިރު ދަރިންވެސް ބައިވެރިކޮށްލާށެވެ.