ކެރެޓުން ލިބޭ ސިއްހީ ފައިދާތައް
އިންސާނާ ކެއުމަށް ބޭނުންކުރާ ތަކެތީގެ ތެރޭގައި އެކި ބަލިތަކަށް މަގުފަހި ކޮށްދޭ އެއްޗެސާއި، ބަލިން ރައްކާތެރި ކޮށްދޭ އެއްޗެހި ހިމެނެއެވެ. އެހެން ކަމުން ހަށިގަނޑަށް ފައިދާހުރި ކާނާ ކެއުމަކީ ވަރަށް މުހިންމު ކަމެކެވެ. މީގެ ތެރެއިން ކެރެޓަކީ އޭގެން ހަށިގަނޑަށް ގިނަގުނަ ފައިދާތަކެއް ލިބޭއެއްޗެކެވެ.
ކެރެޓު ފުރަތަމަ އުފެދިފައި ވަނީ މެދުއިރުމަތި އަދި އަފްގާނިސްތާނުގައެވެ. ކެއުމުގައި ކެރެޓު ބޭނުން ކުރާތާ 5000 އަހަރަށް ވުރެ ދުވަސް ވެދާނެއެވެ. ފުރަތަމަ ކެރޮޓު އުފެދިފައިވަނީ ދަނބު އަދި ރީނދޫކުލައިގައެވެ. ތަޖުރިބާކާރުން ވަނީ އެކިކުލަ ކުލައިގެ ކެރޮޓު އުފައްދާފައެވެ. އޭގެ ތެރޭގައި ފިޔާތޮށި، ރަތް އަދި ގަދަ އޮރެންޖު ކުލަ ހިމެނެއެވެ.
ކެރެޓުން ސިއްހަތަށް ލިބޭ ފައިދާތައް
ކެންސަރު ޖެހުމާއި ދުރުކޮށް ދިނުން
ކެރެޓުގައި ހިމެނޭ ބައެއް ކެމިކަލްތަކުގެ ސަބަބުން ކެންސަރު ޖެހުމުން ދުރުކޮށްދެއެވެ. އޭގެ ތެރޭގައި ބީޓާ-ކެރޮޓިން އަދި ކެރެޓަނޮއިޓްސް ހިމެނެއެވެ. މި މާއްދާތަކުން ދިފާއީ ނިޒާމު ވަރުގަދަ ކޮށްދީ، ކެންސަރު ސެލްސްތައް އުފެދުނަ ނުދިނުމަށް ޓަކައި، ބޭނުންވާ ޕްރޮޓީންތައް އުފައްދަދެއެވެ. އަދި ދިރާސާތަކުން ދައްކާ ގޮތުން ކެރެޓު ޖޫސް، ލޫކީމިއާއި ދެކޮޅަށް ހަނގުރާމަކުރުމަށް އެހީވެދެއެވެ.
ލޮލުގެ ބަލިތަކުން ދުރުކޮށް ދިނުން:
ވިޓަމިން "އޭ" ނުލިބޭނަމަ ލޮލުގެ ފެނުން ރަނގަޅު ކޮށްދޭ ޕޮޓޯރިސެޕްޓާސްތައް ހަލާކުވެއެވެ. ކެރެޓުން، ލޮލަށް ބޭނުންވާ ވިޓަމިން "އޭ" ފޯރުކޮށްދީ ލޮލުގެ ފެނުން ރަނގަޅު ކޮށްދެއެވެ.
ހަންގަނޑު ރީތިކޮށްދިނުން:
ކެރެޓުގައި ހިމެނޭ ކެރޮޓިނޮއިޑް ހަންގަނޑު އޮމާންކޮށް އަލިކޮށްދެއެވެ. ނަމަވެސް ކެރެޓު މާގިނައިން ބޭނުން ކޮށްފިނަމަ ހަންގަނޑަށް ކެރެޓޮނޮއިސިސް ކިޔާ ބައްޔެއް ޖެހެއެވެ. ކެރެޓޮނޮއިސިސް ޖެހުމުން ހަންގަނޑުގެ ކުލަ ރީދޫކުލަޔަށް ނުވަތަ އޮރެންޖް ކުލައަށް ބަދަލުވެގެން ދެއެވެ.
ލޭގެ ޕްރެޝަރު ދައްކޮއްދިނުން:
ފަހުގެ ދިރާސާއަކުން ދައްކާ ގޮތުގައި ކެރެޓު ޖޫސްގައި ހިމެނޭ ފައިބާ، ޕޮޓޭސިއަމް، ނައިޓްރޭޓް އަދި ވިޓަމިން ސީގެ ސަބަބުން ލޭގެ ޕްރެޝަރު ދަށްކޮއްދެއެވެ.
ދިފާއީ ނިޒާމު ވަރުގަދަ ކޮށްދިނުން:
ވިޓަމިން "އޭ" އަކީ ހަށިގަނޑުގެ ގުނަވަންތައް މަސައްކަތްކުރުން ރަނގަޅުކޮށްދީ އިންފެކްޝަނާއި ދެކޮލަސް ހަނގުރާމަ ކުރުމަށް އެހީވެދޭ މާއްދާއެކެވެ. އަދި ކެރެޓުގައި ހިމެނޭ ވިޓަމިން "ސީ" އިން ހަށިގަނޑުގެ ދިފާއީ ނިޒާމު އިތުރަށް ވަރުގަދަކޮށްދެއެވެ.
ކަށިތައް ވަރުގަދަކޮށްދިނުން:
ކެރެޓުގައި އެކުލެވޭ ވިޓަމިން އޭ އަދި ބީޓާ-ކެރޮޓީން އިން ކަށިތައް ވަދުގަދަކޮށްދެއެވެ.