މިއީ އަނގައިން ނުބައިވަސް ދުވަން މެދުވެރިވާ ބައެއް ސަބަބުތައް

އާންމުކޮށް މީހުންގެ އަނގައިން ނުބައިވަސް ދުވަނީ، ގެންގުޅެވޭ ބައެއް ނުރަނގަޅު އާދަކާދައިގެ ސަބަބުންނެވެ. ކެވޭ ކާނާގެ ސަބަބުން ނުވަތަ ދަތްތައް ރަނގަޅަށް ސާފު ނުކުރެވުމުންވެސް އަނގައިން ނުބައި ވަސް ދުވުމަށް މެދުވެރިވެއެވެ.

ކެވޭ ތަކެތީގެ ސަބަބުން

ލޮނުމެދާއި ފިޔާ ކެއުމުން އަނގައިން ނުބައިވަސް ދުވުމަށް މެދުވެރިވެއެވެ. އޭގެ އިތުރުން ކޯލީފްލާވާ އާއި ކުޅި ތަކެތި ކެއުމުންވެސް އަނގައިން ނުބައިވަސް ދުވުމަށް މެދުވެރިވެއެވެ. މިފަދަ އެއްޗެއް ކެއުމަށްފަހު، ގަޑިއެއް ނުވަތަ ދެ ގަޑިއިރުފަހުން އަނގައިން މި ވަސް ނުދުވަފާނެއެވެ. ނަމަވެސް އަނގައިން ވައި ބޭރުވާއިރު ވަސް ދުވުމަކީ އެކަށީގެންވާ ކަމެކެވެ.

ނުކައި ގިނައިރު ހުރުން

މީލް ސްކިޕް ކުރުމަކީ، އަނގައިން ނުބައިވަސް ދުވަން މެދުވެރިވާ ކަމެކެވެ. ނުކައި ހުރުމުން އަނގައިގައި ބޭނުންވާ މިންވަރަށް ކުޅު އުފައްދައި ނުދެއެވެ.

އަނގައިގެ ތެރޭގައި ހުންނަ ކާ އެއްޗެހި ސާފުކޮށްދިނުމުގައި ކުޅަކީ ވަރަށް މުހިންމު ރޯލެއް އަދާކުރާ އެއްޗެކެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުން

ދުންފަތުގެ އިސްތިއުމާލު ކުރުމުން، އަނގަ މާބޮޑަށް ހިކި، ކުޅު އުފައްދާ މިންވަރު ދަށްވެ، އަނގައިން ނުބައިވަސް ދުވުމަށް މެދުވެރިވެއެވެ.

ބޭހެއްގެ ސަބަބުން

ބޭނުންކުރާ ބޭހެއްގެ ސަބަބުންވެސް، އަނގައިން ނުބައި ވަސް ދުވުމަކީ އެކަށީގެންވާ ކަމެކެވެ.

ދަތްފަނި ކެއުން

ކާތަކެތި، ދަތް ފަނި ކައިފައި ހުންނަ ތަނުގައި ހަރުލާ ގޮތްވެއެވެ. ދަތް ފަނި ކައިފައި ހުރުމުން ސާފުކުރަން އުނދަގޫވެއެވެ. އަދި މިގޮތަށް ގިނައިރު ހުރުމުން  އަނގައިން ދުވާ ނުބައި ވަސް ގަދަވެއެވެ.

މޭ އަނދާނަމަ

ދިރާސާތަކުން ދައްކާ ގޮތުން، ގޭސްޓްރިކް މައްސަލަ ހުންނަ ނަމަ، އަނގައިން ނުބައިވަސް ދުވުމަކީ އެކަށީގެންވާ ކަމެކެވެ.

ކަރުގައި އިންފެކްޝަނެއް ހެދުން

ކަރުގައި އިންފެކްޝަނެއް އުފެދިފައިވާނަމަ އެކަމުގެ ސަބަބުން، އަނގައިން ނުބައި ވަސް ދުވުމަށް މެދުވެރިވެއެވެ. މިހެން ދިމާވަނީ ކަރުގައި އުފެދޭ "ސްޓްރެޕް" ކިޔާ ބެކްޓީރިއަލް އިންފެކްޝަނެއްގެ ސަބަބުންނެވެ. ސައިނަސް އިންފެކްޝަންތަކުގެ ސަބަބުންވެސް އަނގައިން ނުބައިވަސް ދުވާފާނެއެވެ.