ބަނޑުހައިވެގެން ހުރެ ކުރުން ރަނގަޅު ނޫން ކަންތައްތައް

ދިރިއުޅުމުގެ އެކި ކަންކަމުގައި މަސްއޫލުވެގެން އުޅޭއިރު، ބަނޑުހައިކަން އިހުސާސް ކުރަން ޖެހޭ ވަގުތުތައް އާދެއެވެ. ނަމަވެސް ބަނޑުހައިވެގެން ހުރެ ބައެއް ކަންކަން ކުރުމަކީ އެންމެ އެދެވިގެންވާ ކަމެއް ނޫނެވެ. މިއީ އެފަދަ ބައެއް ކަންކަމެވެ.

މުހިންމު ނިންމުމެއް ނިންމުން

ބަނޑުހައިވެގެންވާ ހާލު ހުރެ، ދިރިއުޅުމުގެ މުހިންމު ނިންމުމެއް ނުނިންމާށެވެ. ސައިންސްވެރިން ބުނާ ގޮތުގައި ބަނޑުހައިވެފައި ލޭގައި ހަކުރު އެކުލެވޭ މިންވަރު ހުންނަނީ، އެ ހުންނަން ޖެހޭ މިންވަރަށް ވުރެ ދަށުގައެވެ. މިކަމުގެ ސަބަބުން ބޮލުގައި ރިހުމާއި ރުޅިގަދަވުމަށް މަގުފަހިވެއެވެ. އޭގެ އިތުރުން ކަންކަން ސިކުނޑިއަށް ނަގައިގަތުމަށް އުނދަގޫވެއެވެ. އެހެންކަމުން ބަނޑުހައިވެގެން ހުރެ، މުހިންމު އަދި ބޮޑެތި ނިންމުންތައް ނުނިންމާށެވެ.

ކިޔެވުން

ތައުލީމު ހާސިލުކުރާ ދަރިވަރުންވެސް، ބަނޑުހައިވެފައި ހުންނައިރު، ފިލާވަޅުތަކަށް ފުރިހަމައަށް ސަމާލުކަން ނުދެވެއެވެ. ސިކުނޑިއަކީ ހަކަތަ ބޭނުންވާ އެއްޗަކަށްވާއިރު، ބަނޑުހައިވުމަކީ އެ ހަކަތަ ދަށްވާ ކަމުގެ ނިޝާނެކެވެ.

އެހެންކަމުން ދަރިވަރުން ސްކޫލަށް ދާއިރު ރަނގަޅަށް ނާސްތާ ނެގުމަށް ސައިންސްވެރިން ވަނީ ނަސޭހަތްތެރިވެފައެވެ.

ވިޔަފާރިކުރުން

ބަނޑުހައިވެފައި ހުންނައިރު، ފިހާރަތަކަށް ބާޒާރުކުރަން ނުދާށެވެ. ބަނޑުހައިވެފައި ހުންނައިރު ބާޒާރު ކުރަން ދިޔުމުން ގިނަ ފަހަރު ގަނެވޭނީ ހަށިގަނޑަށް ގެއްލުން ހުރި ކާނާތަކެވެ. ކަން އެހެން ދިމާވަނީ ބަނޑުހައިކަން ފިލުވާލުމަށް ބޭނުންވެފައި ހުރުމުންނެވެ. ގަނެވެނީ ކޯންޗެއްކަންވެސް ގިނަފަހަރު ނޭނގޭނެއެވެ.

ނިދުން

ބަނޑުހައިވެގެން ހުރެ ނިދުމަކީވެސް ގޯހެކެވެ. ބައެއް މީހުންނަކީ ރޭގަނޑުގެ ކެއުން ދޫކޮށްލާ މީހުންނެވެ. ދެ ހާލަތުގައިވެސް މިއީ ގޯހެކެވެ. ބަނޑުހައިވުމަކީ ނިދުމަށްވެސް ހުރަސް އެޅޭ ކަމެކެވެ.

އެހެން ކަމުން ރޭގަނޑު ބަނޑުހައިކަން އިހުސާސް ކުރެވޭ ނަމަ އަލްމޮންޑް ފަދަ ސިއްހަތަށް ފައިދާ ހުރި އެއްޗެއް ކާލާށެވެ.