ބުރުގާ އުފެއްދި ފަރަހް (ވ) ގައި

އޮޕަރޭޝަން ތިއޭޓަރަށް ހާއްސަ ބުރުގާއެއް އުފައްދައިފި

އިނގިރޭސިވިލާތުގައި ފުރަތަމަ ފަހަރަށް، ހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓަރުގައި ބޭނުންކުރުމަށް ހާއްސަ ޑިސްޕޯސަބަލް އަދި ސްޓެރައިލް ހެޑް ސްކާފެއް އުފައްދައިފިއެވެ.

ބުރުގާގެ ގޮތުގައި ބޭނުން ކުރެވޭ ގޮތަށް ހުންނަ މި އުފެއްދުމަކީ ރޯޔަލް ޑާބީ ހޮސްޕިޓަލުގައި މެޑިކަލް ދަރިވަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ފަރަހް ރޮސްލަން ތައްޔާރު ކުރި އެއްޗެކެވެ. އޭނާ ބުނި ގޮތުގައި މިފަދަ ހެޑް ސްކާފެއް އޭނާ އުފެއްދީ މުސްލިމުންނަށް ކުރާ ގަދަރުގެ ސަބަބުންނާއި ހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓަރުތަކުގައި ބޭނުންކުރެވޭނެ އެއްޗެއް އުފެއްދުމުގެ ގޮތުންނެވެ.

މި ހެޑް ސްކާފްގެ ސަބަބުން ބުރުގާ އަޅާ މުސްލިމު އަންހެނުންނަށް، ބައެއް ހޮސްޕިޓަލުތަކުގެ އޮޕަރޭޝަން ތިއޭޓަރުގައި ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަށް ހައްލެއް ލިބޭނެ ކަމަށް އޭނާ އުންމީދުކުރެއެވެ.

ފަރަހް ބުނީ، ހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓަރުގައި ބުރުގާ ނެގުމަކީ އޭނާއަށް ކުރަން އެހާ ފަސޭހަ ކަމެއް ނޫން ކަމަށެވެ. ބުރުގާ ނަގަން އަންގަނީ އިންފެކްޝަން ކޮންޓްރޯލް ކުރުމަށް ކަމަށާއި ބުރުގާ ނަގަން އެއްބަސްވުމުން އޮޕަރޭޝަން ތިއޭޓަރުން އޭނާ ބޭރު ކުރެވުނު ކަމަށްވެސް ފަރަހް ވަނީ ބުނެފައެވެ.