ދަތުރެއްގައި އެހެން ގައުމަކަށް ދަނީތަ؟ މިއީ ރައްކާތެރިކަމަށް އެޅިދާނެ ބައެއް ފިޔަވަޅު

ތަފާތު އެކިއެކި ބޭނުންތަކަށް މީހުން އެކި ގައުމުތަކަށް ދަތުރުކުރުމަކީ އާންމު ކަމެކެވެ. ގައުމުތަކަށް ދަތުރުކުރުމަކީ ހޮބީއެއްގެ ގޮތުގައިވެސް ގިނަ ބަޔަކު ކުރަމުން އަންނަ ކަމެކެވެ.

މި ލިޔުމުގައި މި ބަލާލަނީ ގައުމުތަކަށް ދަތުރުކުރުމުގައި، ތިމާ އާއި ތިމާއާއެކުގައި ދަތުރުކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރެވިދާނެ ބައެއް މުހިންމު ކަންތައްތަކަށެވެ.

ދަތުރެއްގައި އެހެން ގައުމަކަށްދާއިރު، އެ ގައުމުގައި ތިބެން ހަމަޖެހިފައިވާ އިމާރާތާއި ގުޅޭ މައުލޫމާތު ހޯދާށެވެ. އެ ގޮތުން ތިބެން ހަމަޖެހިފައިވަނީ އުސް އިމާރާތެއްގައި ނަމަ އެ ދަތުރުގައި ތިބެން ހަމަޖެހިފައިވަނީ އިމާރާތުގެ ކިތައްވަނަ ފަންގިފިލާގައިތޯ ބަލާށެވެ.

ޖިސްމާނީ ނުކުޅެދުންތެރިކަމެއް ނުވަތަ އުމުރުން ދުވަސްވީ މީހެއް ނުވަތަ ކުޑަކުއްޖެއް ގޮވައިގެން އުސް އިމާރާތެއްގެ މަތީ ފަންގިފިލާއެއްގައި ހުރުމަކީ ރައްކާތެރި ކަމެއް ނޫނެވެ. ސަބަބަކީ ގުދުރަތީ ކާރިސާއެއް ނުވަތަ އަލިފާނުގެ ހާދިސާއެއް ހިނގައިފި ނަމަ އިމާރާތުން ނުކުތުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހޭނެތީއެވެ.

ބޭރު ގައުމުތަކަށް ދަތުރެއްގައި ގޮސް އުޅޭއިރު ދެ ވޮލެޓް ގެންގުޅުމަކީ މުހިންމު ކަމެކެވެ. މީގެ ތެރެއިން އެއް ވޮލެޓަކީ "ޑަމީ" ވޮލެޓެވެ. ފޭރޭ މީހަކާއި ދިމާވިޔަސް "ޑަމީ" ވޮލެޓް ދީފައި ސަލާމަތްވުމުގެ ފުރުސަތު އޮންނާނެއެވެ. ފައިސާ ހުންނަ ވޮލެޓްގައިވެސް ގިނަ އަދަދަކަށް ފައިސާ ނުބަހައްޓާށެވެ.

ކާކުކަން އަންގައިދޭ މުހިންމު ލިޔުންތަކުގެ ބެކަޕް ކޮޕީއެއް ނަގާފައި ބަހައްޓާށެވެ. މި ގޮތުން އެފަދަ ޑޮކިއުމަންޓްތައް ސްކޭންކޮށް ތިމާގެ މެއިލްގައި ނުވަތަ ކްލައުޑް ޑްރައިވެއްގައި ބެހެއްޓިދާނެއެވެ. ދަތުރެއްގައި މިފަދަ ޑޮކިއުމަންޓެއް އަސްލު ގެއްލުނު ނަމަވެސް، އެގައުމެއްގެ ކަމާބެހޭ ފަރާތްތަކަށް ތިމާއަކީ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއްގެ ދައްކާލެވޭނީ އޭރުންނެވެ.

ދަތުރު ދިއުމަށް ހަމަޖެހިފައިވާ ސަރަހައްދުގެ އޮފްލައިން މެޕެއް ފޯނަށް ޑައުންލޯޑްކޮށްލާށެވެ. އަދި ދިރިއުޅޭ ގެ ނުވަތަ ގެސްޓްހައުސް ނުވަތަ ހޮޓެލް ކައިރީގައި ހުންނަ ބޮޑެތި ފިހާރަ، ރެސްޓޯރެންޓް ފަދަ ތަންތަން ފާހަގަކޮށްލާށެވެ. ބޭރު ގައުމެއްގައި މަގުމައްޗަށް ނިކުންނައިރު ސްމާޓްފޯނާއެކު ޕަވާ ބޭންކެއްވެސް ގެންދިއުމަކީ މުހިންމު ކަމެކެވެ.