މިއީ ފުއްޕާމޭގެ ކެންސަރުގެ އަލާމާތްތައް
ދިރިއުޅުމަށާއި ދިރިއުޅޭ ވެއްޓަށް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެއެވެ. އިންޖީނުލީ އެއްގަމު އުޅަނދުތަކުގެ ސަބަބުންނާއި އެނޫންވެސް ބައެއް ކަންކަމާހުރެ، އަހަރެމެން ދިރިއުޅޭ ވެށީގެ ވައި މިވަނީ ނުސާފުވެފައެވެ.
ވައި ނުސާފުވުމާއި ދުންފަތުގެ އިސްތިއުމާލު ކުރުމުން ޖެހޭ އެންމެ އާންމު އެއް ބައްޔަކީ ފުއްޕާމޭގެ ކެންސަރެވެ. ނަމަވެސް ކެންސަރު ޖެހިފައިވާކަން، ގިނަފަހަރު ދެނެގަނެވެނީ ވަރަށް ބޮޑަށް ހާލަތު ގޯސްވާ ފަހުންނެވެ.
މިއީ ފުއްޕާމޭ އަށް ކެންސަރު ޖެހިފައިވާނަމަ ފެނިދާނެ ބައެއް އަލާމާތްތަކެވެ.
އާންމުކޮށް ކެއްސުމާއި ކެއްސުމަށް ބަދަލު އައުން
ރޯގާ ޖެހިފައިވާނަމަ ކުޑަ ދުވަސްކޮޅަކަށް ކެއްސުން ހުރެދާނެއެވެ. ނަމަވެސް އެއާ ހިލާފަށް، ކެއްސުން ގިނަ ދުވަސްތަކަކަށް ދިގުލައިގެންދާނަމަ އެއީ ހާއްސަ ސަމާލުކަމެއް ދޭން ޖެހޭނެ ކަމެކެވެ.
ފުއްޕާމޭގެ ކެންސަރުގެ ގިނަ ކޭސްތަކުގައި، ޓިއުމަރު އުފެދި ބޮޑުވަމުން އަންނަނީ ފުއްޕާމޭ ތެރޭގައެވެ. ގިނަ ދުވަސްތަކަކަށް ކެއްސުމަށް މެދުވެރިވާ އެއް ސަބަބަކީ މިއީއެވެ. ހިކި ކެއްސުން ގިނަ ދުވަސްތަކަކަށް ދެމިގެންދާނަމަ ނުވަތަ ކެއްސާއިރު އާދަޔާ ހިލާފު އަޑެއް ހުންނަކަން ފާހަގަ ކުރެވޭ ނަމަ ޑޮކްޓަރެއްގެ ލަފާ ހޯދާށެވެ. ކެއްސާއިރު ކުޅާއެކު ލޭއައުމަކީވެސް އެކަށީގެންވާ ކަމެކެވެ. އެހެންވެއްޖެ ނަމަވެސް އަވަހަށް ޑޮކްޓަރެއްގެ ލަފާ ހޯދާށެވެ.
ނޭވާ ކުރުވުން
އާންމު ދިރިއުޅުމުގައި އުޅެނިކޮށް، ކުއްލިއަކަށް ނޭވާ ކުރުވުންފަދަ ކަމެއް ދިމާވާނަމަ އެއީ ފުއްޕާމޭގެ ކެންސަރުގެ އަލާމާތަކަށްވުން އެކަށީގެންވެއެވެ. އެހެންވެއްޖެ ނަމަ ފަރުވާ ކުޑަނުކޮށް އަވަހަށް ޑޮކްޓަރެއްގެ އިރުޝާދު ހޯދާށެވެ.
ކަށިތަކަށް ތަދުފުން
ފުއްޕާމޭގެ ކެންސަރަކީ ކަށިތަކަށްވެސް ފެތުރިދާނެ ކަމެކެވެ. މަސްގަނޑަށް ތަދުވުމާއި ކަށިތަކަށް ތަދުވުމުގެ ތަފާތު ދެނެގަތުމަށް ގިނަ މީހުންނަށް އުނދަގޫވެއެވެ. ކަށިތަކަށް އާންމުކޮށް ތަދުވާނީ މަސައްކަތެއްގައި އުޅޭއިރު ނުވަތަ ރޭގަނޑުގެ ވަގުތުގައެވެ.
ބަރުދަން މާބޮޑަށް ލުއިވުން
ކުއްލިއަކަށް، މީހާގެ ބަރުދަން މާބޮޑަށް ލުއިވުމަކީ ފުއްޕާމޭގެ ކެންސަރު ނުވަތަ ބޮޑު ބައްޔެއްގެ އަލާމާތަކަށްވުން އެކަށީގެންވެއެވެ. ބަރުދަން ކުއްލިއަކަށް ލުއިވަނީ ކެންސަރު ސެލްތަކުގެ ސަބަބުންނެވެ.
ކެއިން ބުއިމަށް ބަދަލު ނުގެނެސް އަދި ކަސްރަތު ކުރުންފަދަ ކަމެއް ނުކޮށް ހުއްޓާ، މަސް ދުވަސް ތެރޭގައި 5 ކިލޯވަރު ލުއިވުމަކީ އެކަމާ ގުޅޭ ގޮތުން ސިއްހީ މާހިރެއްގެ އިރުޝާދު ހޯދަންވާނެ ކަމެކެވެ.