ދުނިޔޭގެ އެންމެ މުއްސަނދި ސަލާން ޖަހާ މީހުން

ދުނިޔޭގެ އެކި ހިސާބުތަކުގައި އެކި ގޮތް ގޮތަށް ސަލާން ޖަހާ މީހުން އުޅެއެވެ. މީގެ ތެރެއިން ބައެއް މީހުންނަކީ އެއްވެސް ގޮތެއް ނެތިގެން މަގުމަތިވެފައި ތިބި މީހުން ކަމުގައި ވިޔަސް އަނެއްބައިމީހުން އަތުން ފައިން އެހެން ކަމެއް ނުކުރަން ސަލާން ޖަހަން ނުކުމެގެން އުޅެއެވެ. މިއަދު ބަލާލަން މިއުޅެނީ ސަލާން ޖަހައިގެން މުއްސަނދިވެފައި ތިބި މީހުންނަށެވެ.

ސައިމަން ވްރައިޓް

ސައިމަންއަކީ 38 އަހަރުގެ ސަލާން ޖެހުމުގެ ތަޖުރިބާކާރެކެވެ. މީނާ ކޮންމެ ދުވަހަކު ވަޒީފާއެއް އަދާކުރާހެން ދުވާލަކު މަދުވެގެން 8 ގަޑިއިރު ސަލާން ޖެހުމުގައި ހޭދަ ކުރެއެވެ. އަދި ބަންދު ދުވަސްދުވަހު 8 ގަޑި އިރަށްވުރެން ގިނައިރު ވަންދެން ސަލާން ޖެހުމުގައި ހޭދަކުރެއެވެ. މީނާ ސަލާން ޖަހަނީ ލަންޑަންގެ މަގުމަތީގައި، ބައު ހެދުން އަޅައިގެން އޭނާގެ ކުއްތާ ގޮވައިގެން ހުރެއެވެ. ކޮންމެ ދުވަހަކު އެތައްހާސް މީހުންނެއް، އޭނާއަށް ފައިސާދެއެވެ. ސައިމަންއަށް އަހަރެއްގެ މައްޗަށް އެވަރެޖްކޮށް 50،000 ޕައުންޑް ލިބޭއިރު އޭނާ ދިރިއުޅެނީ 300،000 ޕައުންޑްގެ ގެއެއްގައެވެ. މީނާއަށް ވަނީ 2013 ވަނަ އަހަރު ޖަލު ހުކުމެއްވެސް އައިސްފައެވެ.

އެއިޝާ

އެއިޝާއަކީ ޖިއްދާގެ މަގުތަކުގައި، ސަލާން ޖެހުމުގައި 100 އަހަރު ހޭދަކުރި މީހެކެވެ. ލޯފަން މީހަކަށް ހެދިގެން، ބައު ހެދުމެއް ލައިގެން އެއިޝާ ދިޔައީ ސަލާން ޖަހަމުންނެވެ. ރިޕޯޓްތައް ބުނާ ގޮތުން އެއިޝާ މަރުވިއިރު އޭނާގެ މިލްކިއްޔާތުގައި ތިން މިލިއަން ސައުދީ ރިޔާލާއި އަގުގެ ގޮތުން އެއް މިލިއަން ސައުދީ ރިޔާލަށް އަރާ ގަހަނާ ހުއްޓެވެ.

ސަމްބާޖީ ކޭލް

ސަމްބާޖީއާއި އޭނާގެ ހަތަރު މީހުންގެ އާއިލާ ސަލާން ޖަހަނީ އިންޑިއާގެ މުމްބާއީގައެވެ. ކޮންމެދުވަހަކުވެސް މަދުވެގެން އެއްހާސް ރުޕީސް މި އާއިލާ ގެއަށް ގެންދެއެވެ. ކޮންމެ މަހަކު، މި އާއިލާއިން 40،000 ރުޕީސް ބޭންކަށް ޖަމާކުރެއެވެ. އޭގެ އިތުރުން ބައެއް ކުންފުނިތަކުގައި މި އާއިލާގެ މެންބަރުންގެ ހިއްސާ އޮވެއެވެ. އަދި މުމްބާއީގެ ފްލެޓަކާއި ސޮލަޕޫރ ސިޓީގެ ދެ ގެއެއް ސަމްބާޖީގެ މިލްކިއްޔާތުގައި އޮވެއެވެ.

ކްރިޝްނާ ކުމާރް ގިޓޭ

މިއީވެސް އިންޑިއާގެ މުމްބާއީއަށް ނިސްބަތްވާ ސަލާންޖަހާ މީހެކެވެ. ފަގީރު ކަމަށް ދެއްކެންވެގެން ގޯނި ހެދުން އަޅައިގެން މުމްބާއީގެ ސީޕީ ޓޭންކްގައި ސަލާން ޖެހުމަށް ދުވަސް ހޭދަކުރެއެވެ. ދުވާލެއްގެ މައްޗަށް މީނާއަށް 1500 ރުޕީސް ރައްކާކުރެވެއެވެ. ކޮންމެ ދުވަހަކުވެސް ސަލާން ޖަހާ ނިމުމުން މުމްބާއީގައި ހުންނަ މީނާގެ ފްލެޓަށް އެނބުރިދެއެވެ.

އާރވިން ކޯރީ

މިދިޔަ 17 އަހަރު ވަންދެން މީނާ ނިއު ޔޯކްގެ މަގެއްގައި ސަލާންޖެހުމުގައި ހޭދަ ކޮށްފައިވެއެވެ. މީނާއަކީ ކުރީގައި އެކްޓަރެކެވެ. ވުޑީ އެލަން ފަދަ މަޝްހޫރު ތަރިންނާއެކުވެސް މީނާ އެކްޓްކޮށްފައިވެއެވެ. އާރވިން މިހާރު ދިރިއުޅެނީ 3.5 މިލިއަން ޑޮލަރުގެ ގެއެއްގައެވެ. ދުވާލެއްގެ މައްޗަށް، އެވަރެޖްކޮށް 250 ޑޮލަރު ސަލާން ޖަހައިގެން މީނާއަށް ލިބެއެވެ. ނަމަވެސް މި ލިޔުމުގައި ފާހަގަކޮސްލި އެހެން މީހުންނާއި މީނާގެ ތަފާތަކީ، ސަލާންޖަހައިގެން ލިބޭ ފައިސާ މީނާ ހަދިޔާކުރަނީ ކިއުބާގެ ޗެރިޓީއަކަށެވެ.