16 މިނެޓުގެ ނިދިން މަހުރޫމް ވިޔަސް ނޭދެވޭ އަސަރު ކުރޭ: ދިރާސާ
ރޭގަނޑު އާންމުކޮށް ނިދާ މިންވަރުން 16 މިނެޓުގެ ނިދިން މަހުރޫމްވުމަކީވެސް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށް ސައިންސްވެރިން ބުނެފިއެވެ.
ނިދުމާއި ގުޅޭ ގޮތުން އެމެރިކާގެ ޔުނިވާސިޓީ އޮފް ސައުތު ފްލޮރިޑާގެ ސައިންސްވެރިން ކުރި ދިރާސާއެއްގައިވަނީ އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާގައި މަސައްކަތް ކުރާ 130 މުވައްޒަފުން ބައިވެރިކޮށްފައެވެ. އެ ޔުނިވާސިޓީން ހާމަ ކުރި ގޮތުގައި އެ ހުރިހާ މުވައްޒަފުންނަކީވެސް ސިއްހަތު ރަނގަޅު މުވައްޒަފުންނެވެ. ދިރާސާގައި ބައިވެރިކޮށްފައިވަނީ، ސްކޫލަށްދާ އުމުރުގެ މަދުވެގެން އެއް ކުއްޖަކު ހުރި މުވައްޒަފުންނެވެ.
އާންމުކޮށް ނިދާ މިންވަރަށްވުރެ 16 މިނެޓު މަދުން ނިދުމުން އޭގެ ނޭދެވޭ އަސަރު ޖެހިގެން އަންނަ ދުވަހުގެ މަސައްކަތު މާހައުލުގައި ކޮށްފައިވާ ކަމަށް ދިރާސާގެ ބައިވެރިން ބުނެފައިވާ ކަމަށް ޔުނިވާސިޓީ އޮފް ސައުތު ފްލޮރިޑާ އިން ބުނެއެވެ.
ޔުނިވާސިޓީ އޮފް ސައުތު ފްލޮރިޑާ އިން ހާމަ ކުރި ގޮތުގައި ނިދި މަދުވުމުގެ ސަބަބުން މަސައްކަތު މާހައުލުގައި އުޅޭ އިރު ސްޓްރެސް މިންވަރު އިތުރުވެ ވަރުބަލިކަން އިހުސާސް ކުރެވޭ މިންވަރު އިތުރުވެއެވެ.
ވަޒީފާދޭ ފަރާތުންވެސް މުވައްޒަފުންގެ ނިދި ހަމަކުރުމަށް ބާރު އަޅަން ޖެހޭކަން މި ދިރާސާއިން ހާމަވެގެން ގޮސްފައިވާ ކަމަށް އެ ޔުނިވާސިޓީން ބުނެއެވެ.