ކޮފީ އިން ލިބޭ ބައެއް ސިއްހީ ފައިދާތައް

ކޮފީއަކީ ދުނިޔޭގައިވެސް އެންމެ މަގުބޫލު އެއް ބުއިމެވެ. ކޮފީގައި ހުންނަ އެންޓިއޮކްސިޑެންޓް އަދި ނިއުޓްރިއެންޓްސްގެ ސަބަބުން ސިއްހީ އެތައް ފައިދާތަކެއް ލިބެއެވެ.

ކޮފީގައި ހިމެނޭ ކެފޭންގެ ސަބަބުން، ވަރުބަލިކަން ފިލުވައިދެއެވެ. އަދި ހަކަތަ އިތުރުކޮށްދީ ތޫނުފިލި ކޮށްދެއެވެ.

ކެފޭންއަކީ ސަރުބީ ވިރުވާލުމަށް އެހީވާ ގުދުރަތީ މާއްދާއެކެވެ. ދިރާސާއަކުން ދައްކާ ގޮތުގައި، ސިއްހަތަށް ނުރައްކާތެރިވާ ވަރަށް ފަލަ މީހުންގެ ހަށިގަނޑުގައި ޖަހާފައި ހުންނަ ސަރުބީ 10 އިންސައްތަ އާ ހަމައަށް އަދި ހިކިކޮށް ތިބޭ މީހުންގެ ހަށިގަނޑުގައި ހުންނަ ސަރުބީ 29 އިންސައްތަ އާ ހަމަށް، ކޮފީ ބޯނަމަ ވިރުވާލަދެއެވެ. ނަމަވެސް އާންމުކޮށް ކޮފީ ބޯ މީހުންނަށް މީގެ އަސަރުކުރާ މިންވަރު ކުޑަ ކަމަށް އެ ދިރާސާއިން ވަނީ ދައްކާފައެވެ.

ކޮފީއަކީ، ހަށިގަނޑަށް ފައިދާހުރި މާއްދާތަކެއް އޭގައި އެކުލެވޭ އެއްޗެކެވެ.

އެއް ތަށި ކޮފީ އިން،

ރިބޯފްލެވިން (ވިޓަމިން ބީ2): ދުވާލަކަށް މި މާއްދާ ހަށިގަނޑަށް ބޭނުންވާ މިންވަރުގެ 11 އިންސައްތަ،

ޕެންޓޮތެނިކް އެސިޑް (ވިޓަމިން ބީ5): ދުވާލަކަށް މި މާއްދާ ހަށިގަނޑަށް ބޭނުންވާ މިންވަރުގެ 5 އިންސައްތަ،

މެންގަނީޒް އަދި ޕޮޓޭސިއަމް: ދުވާލަކަށް މި ދެ މާއްދާ ހަށިގަނޑަށް ބޭނުންވާ މިންވަރުގެ 3 އިންސައްތަ،

މެގްނިޒިއަމް އަދި ނިއޭސިން (ވިޓަމިން ބީ3): ދުވާލަކަށް މި ދެ މާއްދާ ހަށިގަނޑަށް ބޭނުންވާ މިންވަރުގެ 2 އިންސައްތަ، އެއް ތަށި ކޮފީން ލިއްބައިދެއެވެ.

ދިރާސާތަކުން ދައްކާ ގޮތުން އާންމުކޮށް ކޮފީ ބޯ މީހުންނަށް، ބައެއް ބޮޑެތި ބަލިތައް ޖެހުމުގެ ފުރުސަތު ކުޑައެވެ. އެގޮތުން ކޮންމެ ދުވަހަކު މަދުވެގެން އެއް ތަށި ކޮފީ ބޯނަމަ، ޓައިޕް 2 ހަކުރު ބަލި ޖެހުމުގެ ފުރުސަތު ހަތް އިންސައްތައާ ހަމައަށް ކުޑަކޮށްދެއެވެ.

ހަނދާން ނެތޭ ބައްޔަކީ އާންމު ގޮތެއްގައި 65 އަހަރުން މައްޗަށް ދިޔުމުން ޖެހޭ ބައްޔެކެވެ. މިހާތަނަށް މި ބައްޔަށް ފަރުވާއެއް ހޯދިފައިނުވި ނަމަވެސް ދިރާސާތަކުން ދައްކާ ގޮތުން ކޮފީ ބޯ މީހުންނަށް މި ބަލި ޖެހުމުގެ ފުރުސަތު 65 އިންސައްތައަށް ކުޑަކޮށްދެއެވެ.