ޖަރުމަނުގައި މީސަލްސް ވެކްސިން ޖެހުން ލާޒިމުކުރާ ގާނޫނެއް
ޖަރުމަނުގައި، މީސަލްސް ނުވަތަ ހިމަ ބިހިން ރައްކާތެރިވުމަށް ޖަހާ ވެކްސިން ކުޑަކުދިންނަށް ދިނުން ލާޒިމުކުރާ ގާނޫނެއް ހަދަން ނިންމައިފިއެވެ.
އެގައުމުގެ ސަރުކާރުގެ ފަރާތުން ހުށަހެޅި މި ބިލްގައި ކުޑަކުދިންގެ އިތުރުން ސްކޫލްތަކުގެ މުވައްޒަފުންވެސް މި ވެކްސިން ޖެހުން މަޖުބޫރުކުރެއެވެ.
ހިމަ ބިހިން ރައްކާތެރިވުމަށް ޖަހާ ވެކްސިން ޖެހުން، ޖަރުމަނުގައި ގާނޫނަކުން ލާޒިމުކުރުވުމަށް ނިންމާފައި މިވަނީ ޔޫރަޕްގެ ބައެއް ގައުމުތަކުގައި ހަލުވިކަމާއެކު އެ ބަލި ފެތުރެމުން ދަނިކޮށެވެ.
ޖަރުމަނުގެ ގާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީއަކީ އެގައުމުގެ ސަރުކާރަށް ނިސްބަތްވާ މެންބަރުންނަށްވާއިރު، މި ބިލް ފާސްވާނެ ކަމަށް ވަނީ ބެލެވިފައެވެ.
މި ބިލް ފާސްވެ ގާނޫނަކަށްވެއްޖެ ނަމަ، މީސަލްސް ވެކްސިން ނުޖަހާ ކުދިންނަށް ސްކޫލުން ކިޔެވުމުގެ ފުރުސަތެއް ނުލިބޭނެއެވެ. އަދި ވެކްސިން ނުޖަހާ ކުދިންގެ ބެލެނިވެރިން 4000 އެމެރިކާ ޑޮލަރުން ޖޫރިމަނާ ކުރެވޭނެއެވެ.
ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) އިން ހާމަކުރި ގޮތުގައި މިދިޔަ އަހަރު، ހިމަ ބިހީގެ 350،000 ކޭސް ރިޕޯޓްކުރެވިފައިވެއެވެ. އެ އަދަދަކީ 2017 ވަނަ އަހަރު ރިޕޯޓް ކުރެވުނު މިންވަރަށްވުރެ ދެގުނަ އިތުރުވުމެކެވެ.