ރޭގަނޑު ޑިއުޓީގައި މަސައްކަތްކުރުމުން ސިއްހަތަށް ގެއްލުންވޭ

ރޭގަނޑު ޑިއުޓީ ކުރުމުން ސިއްހަތަށް ގެއްލުންވޭ

ރޭގަނޑުގެ ނިންޖަކީ ހަށިގަނޑުގެ މަސައްކަތްތައް ރަނގަޅަށް ކުރިއަށް ގެންދަން މުހިންމު ކަމެކެވެ. ނަމަވެސް ބައެއް މީހުން އަދާކުރާ ވަޒީފާގެ ގޮތުން ޝިފްޓް ޑިއުޓީގައި ރޭގަނޑުވެސް މަސައްކަތް ކުރަންޖެހެއެވެ.

އިނގިރޭސިވިލާތުގެ ޔުނިވާސިޓީއަކުން ކުރި ދިރާސާއަކުން ހާމަވި ގޮތުގައި ރޭގަނޑުގެ ނިދިން މަހުރޫމުވެ، ގިނަ ދުވަސްތަކެއް ވަންދެން ރޭގަނޑު މަސައްކަތްކުރުމަކީ ސިކުނޑި އާއި ހަށިގަނޑަށް ނޭދެވޭ އަސަރުތަކެއް ކުރާ ކަމެކެވެ. ފިރިހެނުންނަށްވުރެ އަންހެނުންނަށް މިކަމުން ކުރާ އަސަރު ބޮޑު ކަމަށްވެސް ދިރާސާއިން ހާމަވިއެވެ.

ދުވާލު ޝިފްޓްގައި މަސައްކަތްކުރާއިރު، މުވައްޒަފުންނަށް ކަންކަމަށް ސަމާލުކަންދެވޭ މިންވަރު އިތުރުއިރު ރޭގަނޑު ޝިފްޓްގައި މުވައްޒަފުންނަށް ކަންކަމަށް ސަމާލުކަންދެވޭ މިންވަރު ކުޑަ ކަމަށް ދިރާސާ ކުރި ފަރާތުން ބުންޏެވެ.

ރޭގަނޑު ޝިފްޓްގައި އާންމުކޮށް މަސައްކަތްކުރުމަކީ ފަލަވުމާއި ހަކުރު ބައްޔަށް މަގުފަހިވާ ކަމެކެވެ. އޭގެ އިތުރުން ހިތުގެ ބަލިތަކާއި ހާޓް އެޓޭކް ޖެހުމުގެ ފުރުސަތު އިތުރުކޮށްދޭ ކަމެއް ކަމަށް ދިރާސާ ކުރި ފަރާތުން ބުންޏެވެ.