ގޭގައި ތިބެގެން އޮފީސް މަސައްކަތް ކުރާއިރު ސަމާލުކަން ދޭންވީ ބައެއް ކަންކަން

ކޮވިޑް-19 އާ ގުޅިގެން ބައެއް އޮފީސްތަކުން ވަނީ މުވައްޒަފުންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ ގޮތް ހަމަޖައްސައިދީފައެވެ. އޮފީސް މާހައުލުގައި މަސައްކަތްކުރުމާއި ގޭގައި، އޮފީސް މަސައްކަތް ކުރުމާއި ތަފާތުތަކެއް ހުންނާނެއެވެ.

މިއީ ގޭގައި ތިބެގެން މަސައްކަތްކުރާއިރު، އުފެއްދުންތެރިކަން އިތުރުކުރުމަށް ކުރެވިދާނެ ބައެއް ކަންތައްތަކެވެ.

ޓު-ޑޫ ލިސްޓެއް ތައްޔާރުކޮށްލާ

ދުވަހަށް ކުރަން ހުރި މަސައްކަތްތައް ޓު-ޑޫ ލިސްޓެއް ތައްޔާރުކޮށްލާށެވެ. މިއީ އާންމުކޮށް އޮފީސްތަކުގައި މަސައްކަތްކުރާ މުވައްޒަފުންވެސް އޮފީސް މާހައުލުގައިވެސް ކުރާ ކަމެކެވެ. މުހިންމު ނޯޓް، އަދި އެނޫންވެސް ކަމެއް ހަނދާނުން ކައްސާލައިގެން ނުދިއުމަށްޓަކައި މިއީ ކުރެވޭނެ ކަމެކެވެ. މަސައްކަތްތައް ކުރިއަށް ގެންދަންވީ ގޮތް ރާވާލަން، މިކަމުގެ ސަބަބުން ފަސޭހަވާނެއެވެ.

އޮފީހުގެ ވެރިން އަދި މުވައްޒަފުންނާއި ވާހަކަ ދެއްކުން

މި ހާލަތުގައި މަސައްކަތް ކުރަން ޖެހިފައިވަނީ ގޭގައި ތިބެގެންނެވެ. އެހެންކަމުން ހަވާލުކުރެވިފައިވާ މަސައްކަތްތައް ކުރިއަށްދާ ގޮތާއި ނިމޭ މަސައްކަތްތަކުގެ އަޕްޑޭޓް އަބަދުވެސް މުވައްޒަފުންނަށާއި ވެރިންނަށް ހިއްސާކުރަމުންދާންވާނެއެވެ.

އޮފީސް މާހައުލެއް ގާއިމުކޮށްލުން

ގޭގައި ވޯކް ސްޓޭޝަނެއް ތައްޔާރުކޮށްލާށެވެ. ލެޕްޓޮޕް ބޭނުންކޮށްގެން މަސައްކަތް ކުރި ކަމުގައި ވީނަމަވެސް، އެނދުމަތީގައި އޮވެގެން މި މަސައްކަތެއް ނުކުރެވޭނެއެވެ. އެނދުމަތީގައި އޮވެގެން، އޮފީސް މަސައްކަތަށް ދޭންވާ ސަމާލުކަން ނުދެވޭއިރު، މިއީ ސިއްހީ ގޮތުންވެސް ރަނގަޅު ގޮތެއް ނޫނެވެ.

އެނދުމަތީގައި އިށީނދެލައިގެން އިނދެ، މޭޒެއް މަތީގައި ލެޕްޓޮޕް ބަހައްޓާލައިގެން މަސައްކަތް ކުރުންވެސް ރަނގަޅުވާނެއެވެ.

ތައްޔާރުވުން ވަރަށް މުހިންމު

ގޭގައި ތިބެގެން މަސައްކަތްކުރާއިރުވެސް، މަސައްކަތަށް ތައްޔާރުވުން ވަރަށް މުހިންމެވެ. ނިދައިން ހޭލާ ގޮތަށް، އޮފީސް މަސައްކަތް ފަށާނީ ނިދާ ހެދުމުގައި ހުރެގެންނެއް ނޫނެވެ. ސަބަބުތައް ބައިވަރެވެ. ނިދާ ހެދުމުގައި ހުންނައިރު، ތިމާ މިކުރަނީ މަސައްކަތެއްކަން ގިނަ ފަހަރު އިހުސާސެއް ނުކުރެވޭނެއެވެ. ތިމާއަށް ތާޒާކަން އިހުސާސް ނުކުރެވޭއިރު، އޮފީހުގެ ކުއްލި ވީޑިއޯ ކޮންފަރެންސެއް ބާއްވަން ޖެހޭ ހާލަތެއް އައުމަކީ އެކަށީގެންވާ ކަމެކެވެ.

ލަވައެއް ޖަހާލުން

އޮފީހުގައި މަސައްކަތްކުރާއިރުވެސް، ލަވައެއް ޖަހައި ނުލާ މަސައްކަތް ނުކުރެވޭ މީހުން ތިބެއެވެ. ހިތްހަމަޖެހޭ ލަވައެއް ޖަހާލުމަކީ، ޕްރޮޑަކްޓިވިޓީ އިތުރުކޮށްލުމަށް ކުރެވިދާނެ ކަމެކެވެ.