"ޗާލީ އެންޑް ދަ ޗޮކްލެޓް ފެކްޓްރީ" ގެ ޕްރިކުއެލްއެއް އުފައްދަނީ

ވޯނާ ބްރޮސް އިން، ފިލްމް "ޗާލީ އެންޑް ދަ ޗޮކްލެޓް ފެކްޓްރީ" ގެ ޕްރިކުއެލްއެއް އުފެއްދުމަށް ނިންމައިފިއެވެ. ޕްރިކުއެލް ފިލްމަށް ދީފައިވާ ނަމަކީ "ވޮންކާ" އެވެ.

މި ފިލްމް ސިނަމާތަކުގައި ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ 2023 ވަނަ އަހަރުގެ މާޗް މަހުގެ 17 ވަނަ ދުވަހުއެވެ. ސިމޮން ރިޗްގެ ސްކްރިޕްޓަކަށް އުފައްދާ މި ފިލްމްގައި "ވިލީ ވޮންކާ" ކުޑައިރުގެ ވާހަކަތައް ގެނެސްދޭނެއެވެ.

ފިލްމް "ޗާލީ އެންޑް ދަ ޗޮކްލެޓް ފެކްޓްރީ" އަކީ، ވިލީ ވޮންކާ ނަމަކަށް ކިޔާ މީހަކު ހިންގާ ޗޮކްލެޓް ފެކްޓްރީއެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. ނަސީބުވެރި ފަސް ފަރާތަކަށް، އެ ފެކްޓްރީ ދައްކާލުމުގެ ފުރުސަތު ވިލީ ވޮންކާ ހުޅުވާލާއިރު، އެ ފުރުސަތު ލިބޭ އެއް ކުއްޖަކީ ޗާލީއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ފިލްމް "ވޮންކާ" އިން އެކްޓަރު ޓޮމް ހޮލަންޑް އާއި އެކްޓަރު ޓިމޮތީ ޝެލަމޭޓް ފެނިގެންދާނެއެވެ.

ވޮންކާގެ ކެރެކްޓާ އެންމެ ފުރަތަމަ ސިނަމާއަށް ގެނެސްފައިވަނީ 1971 ވަނަ އަހަރު "ވިލީ ވޮންކާ އެންޑް ދަ ޗޮކްލެޓް ފެކްޓްރީ" ގެ ނަމުގައެވެ. "ޗާލީ އެންޑް ދަ ޗޮކްލެޓް ފެކްޓްރީ" ރިލީޒްކުރީ 2005 ވަނަ އަހަރުއެވެ.