ވިސްތާރާއިން ރާއްޖެއަށް ދަތުރުތައް ފަށަނީ

އިންޑިއާގެ ވިސްތާރާއިން ރާއްޖެއަށް ދަތުރުތައް ފެށުމަށް ތައްޔާރުވެއްޖެއެވެ.

ވިސްތާރާ އިން ފޭސްބުކް އަދި ޓްވިޓާގައި ހާމަކޮށްފައިވާ ގޮތުން މުމްބާއީ އިން މާލެއަށް އެ އެއާލައިން އިން ކުރާ ސީދާ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ތިން ވަނަ ދުވަހުން ފެށިގެންނެވެ.

އެ އެއާލައިން އިން ހާމަކުރި ގޮތުގައި ރިޓާން ފެއާގެ ޓިކެޓްގެ އަގު ފެށެނީ 17699 އިންޑިއަން ރުޕީސް އިންނެވެ. މިހާރު ހަމަޖެހިފައިވާ ގޮތުން އެ އެއާލައިން އިން މުމްބާއީ-މާލެ-މުމްބާއީ ދަތުރުތައް ކުރާނީ މާޗް މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެ މުއްދަތުގައި ވިސްތާރާ އިން ކޮންމެ އާދިއްތަ، ބުދަ އަދި ހޮނިހިރު ދުވަހު މުމްބާއީ-މާލެ-މުމްބާއީ އާ ދެމެދު ދަތުރުކުރާނެއެވެ. އެއާލައިންގެ ވެބްސައިޓް މެދުވެރިކޮށް ޓިކެޓް މިހާރު ބުކް ކުރެވޭނެ ކަމަށް ވިސްތާރާ އިން ވަނީ ބުނެފައެވެ.