ޑަބްލިއުއެޗްއޯއިން އާންމުކުރި ޕޯސްޓް: ފޮޓޯ ޑަބްލިއުއެޗްއޯ ފޭސްބުކް

ގިނައިރު މަސައްކަތްކުރާނަމަ ކާޑިއޯވެސްކިއުލާ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑު

ހަފުތާއަކު 55 ގަޑިއިރަށްވުރެ ގިނައިރު މަސައްކަތްކުރާ މީހުންނަށް ކާޑިއޯވެސްކިއުލާ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) އިން ބުނެފިއެވެ.

ޑަބްލިޔުއެޗްއޯ އިން ހާމަކުރި ގޮތުގައި އެ އިދާރާ އާއި އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ހަފުތާއަކު 55 ގަޑިއިރު ނުވަތަ އެއަށްވުރެ ގިނައިރު މަސައްކަތްކުރާ މަސައްކަތްތެރިންގެ ސިއްހަތަށް ނޭދެވޭ އަސަރުކުރެއެވެ.

ގިނަ ވަގުތު މަސައްކަތްކުރުމުގެ ސަބަބުން 2016 ވަނަ އަހަރު 745،000 މީހުން މަރުވި ކަމަށް ޑަބްލިޔުއެޗްއޯ އިން ވަނީ ބުނެފައެވެ. މީގެ ތެރޭގައި ސްޓްރޯކް ޖެހުމުގެ ސަބަބުން މަރުވި 398،000 މީހުންނާއި ހިތުގެ ބަލިތަކުގައި މަރުވި 347،000 މީހުން ހިމެނޭ ކަމަށް ޑަބްލިޔުއެޗްއޯ އިން ބުނެފައިވެއެވެ.

ޑަބްލިއުއެޗްއޯގެ ވެބްސައިޓްގައިވާ ގޮތުން މުޅި ދުނިޔޭގައިވެސް އެންމެ ގިނަ މީހުން މަރުވާ ސިއްހީ މައްސަލަތަކުގެ ތެރޭގައި ހިތުގެ ބަލިތަކާއި ސްޓްރޯކް ހިމެނެއެވެ.