އުރީދޫ މޯލްޑިވްސް އިން މިދިޔަ އަހަރު ބޭއްވި އޭޖީއެމްގެ ތެރެއިން: ފައިލް ފޮޓޯ އުރީދޫ މޯލްޑިވްސް

އުރީދޫގެ އޭޖީއެމް އަންނަ މަހުގެ 2 ވަނަ ދުވަހު

އުރީދޫ މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާ އަންނަ މަހުގެ ދެވަނަ ދުވަހު ބާއްވަން އެ ކުންފުނިން އިއުލާނުކޮށްފިއެވެ. އުރީދޫ މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ކުރުނބާ މޯލްޑިވްސްގައެވެ.

އެ ޖަލްސާގައި، އުރީދޫ މޯލްޑިވްސްގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ އާއި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހު ބޭއްވި އެކްސްޓްރާއޯޑިނަރީ ޖެނެރަލް މީޓިންގްގެ ޔައުމިއްޔާ ފާސްކުރުން އޮންނާނެއެވެ.

އަހަރީ އާންމު ޖަލްސާގައި، އުރީދޫ މޯލްޑިވްސްގެ މިދިޔަ އަހަރުގެ މާލީ ބަޔާންތައް ފާސްކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހިއްސާއަކަށް 3.30 ރުފިޔާ ބަހަން ހުށަހަޅާނެއެވެ.

އުރީދޫ ކުންފުންޏަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި ދެ ބިލިއަން ރުފިޔާ ލިބިފައިވެއެވެ. 2018 ވަނަ އަހަރު އާމްދަނީގެ ގޮތުގައި އުރީދޫ މޯލްޑިވްސްއަށް ލިބުނީ 1.91 ބިލިއަން ރުފިޔާއެވެ.

ހިންގުމުގެ ހަރަދާއި ޓެކްސަށް ކެނޑުމަށްފަހު، އުރީދޫ ކުންފުންޏަށް މިދިޔަ އަހަރު ވަނީ ފައިދާގެ ގޮތުގައި 588 މިލިއަން ރުފިޔާ ލިބިފައެއެވެ. 2018 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި އުރީދޫ ކުންފުންޏަށް ލިބުނީ 525 މިލިއަން ރުފިޔާއެވެ.