މައިކްރޯސޮފްޓްގެ ރީޓެއިލް ފިހާރަތައް ދާއިމީކޮށް ބަންދުކުރަނީ

ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހުރި މައިކްރޯސޮފްޓްގެ ރީޓެއިލް ފިހާރަތައް ދާއިމީކޮށް ބަންދުކުރަން ނިންމައިފިއެވެ.

މައިކްރޯސޮފްޓުން ހުކުރު ދުވަހު ބުނި ގޮތުގައި، ފިހާރަތައް ބަންދުކުރަނީ އޮންލައިން ވިޔަފާރިއަށް އިސްކަން ދިނުމުގެ ގޮތުންނެވެ. އެއާއެކު މިވަގުތު ލަންޑަން، ނިއު ޔޯކް، ސިޑްނީ އަދި ވޮޝިންގްޓޮންގެ ރެޑްމޮންޑްގައި ހުރި މައިކްރޯސޮފްޓްގެ ފްލޭގްޝިޕް ސްޓޯރްތައް މައިކްރޯސޮފްޓް އެކްސްޕީރިއަންސް ސެންޓަރުގެ ގޮތުގައި ބަދަލުކުރެވިގެންދާނެއެވެ.

ކޮވިޑް-19 ގެ ސަބަަބުން، މާޗް މަހުގެ ތެރޭގައި މައިކްރޯސޮފްޓްގެ ހުރިހާ ފިހާރަތަކެއް ވަގުތީ ގޮތުން ބަންދުކުރިއެވެ. ފިހާރަތައް ދާއިމީކޮށް ބަންދުކުރުމުން، އެ ފިހާރަތަކުގެ މުވައްޒަފުން ދެން މަސައްކަތްކުރާނީ މައިކްރޯސޮފްޓް ކޯޕޮރޭޓް ފެސިލިޓީސްތަކުގައެވެ. އޭގެ އިތުރުން ތަމްރީނާއި ސަޕޯޓް ފޯރުކޮށްދިނުމުގައިވެސް ހަރަކާތްތެރިވާނެ ކަމަށް މައިކްރޯސޮފްޓުން ވަނީ ބުނެފައެވެ.

މައިކްރޯސޮފްޓުން ފުރަތަމަ ރީޓެއިލް ފިހާރައެއް ހުޅުވީ 2009 ވަނަ އަހަރުއެވެ. މައިކްރޯސޮފްޓުން ހާމަކުރާ ގޮތުގައި، މިހާރުވެސް އެ ކުންފުނީގެ 83 ރީޓެއިލް ފިހާރަ ހުރެއެވެ.