ބަރުދަން ލުއިކުރުމުން ހަށިގަނޑަށް ލިބޭ ފައިދާތައް

އިންސާނާގެ ބަރުދަން ހުންނަންވާނީ، އެ މީހެއްގެ ޖިންސާއި އުމުރާއި އިސްކޮޅާއި ގުޅޭ މިންވަރަކަށެވެ. ބަރުދަން މާބޮޑަށް ބަރުވުމަކީ މައްސަލައަކަށްވާ ފަދައިން، މާބޮޑަށް ލުއި ވުމަކީވެސް މައްސަލައެވެ.

މި ލިޔުމުގައި މި ބަލާލަނީ، ބަރުދަން ހުންނަން ޖެހޭ މިންވަރަށްވުރެ މަތީގައި ހުރި މީހަކު ބަރުދަން ލުއި ކުރުމުން ހަށިގަނޑަށް އަންނަ ބައެއް ބޮޑެތި ބަދަލުތަކަށެވެ.

ބަރުދަން ލުއިވަމުންދާ މިންވަރަކުން ފާހަގަކުރެވޭނެ އެންމެ ބޮޑު އެއް ކަމަކީ ތިމާގެ ހަށިގަނޑުގެ ހަކަތައިގެ މިންވަރު އިތުރުވަމުންދާ ކަމެވެ. ހެލިފެލިވެ އުޅުމުގައި ފަސޭހަތަކެއް ފާހަގަކުރެވޭނެއެވެ. އެ ގޮތުން ބަރުދަން މަތީގައި ހުރިއިރު، ސިޑިން އެރުން ފަދަ ކަންކަން ކުރާއިރު ނޭވާ ކުރުވުން ފަދަ ކަންކަން ފާހަގަ ކުރެވުނު ނަމަވެސް ބަރުދަން ލުއިވަމުންދާ މިންވަރަކުން، ނޭވާ ކުރުވުން ފަދަ ކަންކަމުން ދުރުވާނެއެވެ.

ބަރު މީހަކު، ބަރުދަން ލުއިކުރުމުން އޭގެ ފައިދާ ސިކުނޑިއަށްވެސް ކުރެއެވެ. ކުރެވިފައިވާ ބައެއް ދިރާސާތައް ދައްކާ ގޮތުން ބަރުދަން ލުއިކުރުމުން ސިކުނޑީގެ ބާރު ގަދަކޮށްދެއެވެ. އަދި ހަނދާން ކުރުމުގެ ބާރުވެސް ގަދަކޮށްދެއެވެ.

އިންސާނާގެ ބަރުދަން އިތުރުވަމުންދާ މިންވަރަކުން، އޭގެ ނޭދެވޭ ނަތީޖާ އެންމެ ބޮޑަށް ކުރާ އެއްތަނަކީ އިންސާނާގެ ކަކުލެވެ. ސިއްހީ މާހިރުން ބުނާ ގޮތުގައި އިންސާނާގެ ބަރުދަނުން އެއް ޕައުންޑް ލުއިކޮށްލުމަކީވެސް އޭގެ ސަބަބުން ކަކުލަށް ކުރާ ޕްރެޝާ އެތައް ގުނައެއް ކުޑަކޮށްދެއެވެ.