މި އާދަކާދައިގެ ސަބަބުން ލޮލުގެ ފެނުމަށް ގެއްލުންވޭ

ލޮލުގެ ފެނުމަށް އަންނަ ބަދަލަކީ އިންސާނާގެ ބާރުދަށުގައިވާ ކަމެއް ނޫނެވެ. އުމުރު މައްޗައް ދާވަރަކަށް ލޮލުގެ ފެނުމަށް ބަދަލު އާދެއެވެ. ބައެއް މީހުން އުމުރުން ފަންސާހުން މައްޗައްދިޔުމުން ލޮލުގެ ފެނުމަށް ބަދަލު އަންނައިރު، އަނެއް ބައިމީހުންގެ ޅައުމުރުގައި ލޮލުގެ ފެނުމަށް ބަދަލު އާދެއެވެ. ލޯ ރައްކާކުރުމަށް ޓަކައި ތިރީގައި މިދަންނަވާ 8 ކަންތަކަށް ހާއްސަ ސަމާލުކަމެއް ދޭށެވެ.

އަވި އައިނު އަޅަން ހަނދާން ނެތުން

އަވަސް އަރުވާލާފައި ބޭރަށް ދާއިރު އަވި އައިނު ގެންދަން ހަނދާން ނެތޭ ގޮތްވެއެވެ. ނަމަވެސް އަބަދު މިކަން ތަކުރާރުވާނަމަ، އަވީގެ ސަބަބުން ލޮލުގެ ފެނުމަށް ގެއްލުންވެއެވެ. އަދި "ކެޓަރެސްޓް" ފަދަ ލޮލުގެ މައްސަލަތައް ކުރިމަތިވެއެވެ. އަބަދުވެސް ޔޫވީ ޕްރޮޓެކްޝަން އައިނެއް ބޭނުން ކުރާށެވެ. ކޮންޓެކްޓް ލެންސް ބޭނުން ކުރާނަމަވެސް ޔޫވީ އިން ރައްކާތެރި ލެންސެއް އިހުތިޔާރުކުރާށެވެ.

ކޮންޓެކްޓް ލެންސް ބޭނުންކުރުމުގައި ސަމާލުވާން ޖެހޭ

ބައެއް މީހުން މުޅި ދުވަހު ކޮންޓެކްޓް ލެންސް އަޅައިގެން އުޅުމަސްފަހު ލެންސް ލައްވައިގެން ނިދާ ހަދައެވެ. ދެ ދުވަސްވަންދެން ކޮންޓެކްޓް ލެންސް ނުނަގާ ބޭނުން ކުރާނަމަ ލޮލުގެ އިންފެކްޝަން ޖެހުމުގެ ފުރުސަތު ބޮޑުވެގެން ދެއެވެ.

އޭގެ އިތުރަށް މީހުން ބޭނުންކޮށްފައި ހުންނަ ކޮންޓެކްޓް ލެންސް ބޭނުން ކުރުމުން އަދި ކޮންޓެކްޓް ލެންސް ކޭސް ބަދަލު ނުކުރާނަމަ ލޮލުގެ ފެނުމަސް ގެއްލުންވެއެވެ.

ލޯ އުނގުޅަންތަ؟

ލޯ އުނގުޅުމަކީ ވަރަށް ގިނަ މީހުން ކުރާ ކަމެކެވެ. މިއީ އާދައިގެ ކަމެއް ކަމަށް ހީވި ނަމަވެސް، ލޯ އުނގުޅާ ނަމަ ލޮލުގެ ތެރެއަށް ހަޑި އެއްޗެހި އަދި ބެކްޓީރިޔާ ފެތުރެއެވެ. ލޯ ކަހާނަމަ ލޯ އުނގުޅުމުގެ ބަދަލުގައި ފެން ފޮދަކުން ދޮވެލާށެވެ.

މުއްދަތު ހަމަވެފައި ހުންނަ މޭކަޕް ބޭނުންކުރާނަމަ

މުއްދަތު ހަމަވެފައި ހުންނަ މޭކަޕް ބޭނުން ކުރާނަމަ ލޯ ކަހާ ގޮތްވެ، އިންފެކްޝަނަށް މަގުފަހިވެއެވެ. ތަޖުރިބާ ކާރުން ބުނާ ގޮތުގައި ލޮލަށް ބޭނުންކުރާ އެއްވެސް މޭކަޕެއް ނުވަމަސް ދުވަހަށްވުރެ ގިނަ ދުވަހު ބޭނުންކޮށްގެން ނުވާނެއެވެ.

 ދުންފަތުގެ އިސްތިއުމާލުކުރާނަމަ

ދުންފަތުގެ އިސްތިއުމާލު ކުރާނަމަ ގެއްލުންވަނީ ހަމައެކަނި ފުއްޕާމެޔަށް އަދި ދަތްތަކަކަށް ނޫނެވެ. ދުންފަތުގެ އިސްތިމާއު ކުރުމުން ލޮލުގެ ފެނުން ގެއްލުމަށް އިތުރު ބާރެއް އަޅައެވެ. އުމުރާއި ގުޅިގެން ލޮލުގެ ފެނުން ދަށްވެގެންދެއެވެ. ނަމަވެސް ދުންފަތުގެ އިސްތިއުމާލުން އެ ކަމަށް  އިތުރު ބާރެއް ދެއެވެ.

 މުޅި ދުވަސް ސްކްރީނަށް

ފޯނާއި ލެޕްޓޮޕް ފަދަ ވަސީލަތްތަކުން ބޭރު ކުރާ އަލީގެ ސަބަބުން އިންސާނާގެ ލޮލުގައިވާ ފެނުގެ މާއްދާ ހިއްކައިދެއެވެ. ނަތީޖާއަކީ ލޮލުގެ ފެނުން ނުސާފުވެގެން ދިޔުމެވެ.

ލޮލުގެ ޑޮކްޓަރަށް ދެއްކުން

ގިނަ މީހުން ޑޮކްޓަރަށް ދައްކަނީ ކަމެއް ވުމުންނެވެ. ނަމަވެސް އެއީ އަދި ރަނގަޅު ގޮތެއް ނޫނެވެ. ލޮލުގެ ފެނުމުގެ ބާރު މަޑުމަޑުން ދަށްވަމުންދާނަމަ އެކަން ފާހަގަ ނުވެ ހުރެދާނެއެވެ. އަދި އެކަން އެނގޭއިރު އޮންނަނީ ވަގުތު ފާއިތުވެފައެވެ. އަހަރަކު އެއް ފަހަރު ލޮލުގެ ޗެކަޕެއް ހަދާލުން މުހިންމެވެ.