ޕްރާޗީ

ސިމްޕަލް ވެއިޓް ލޫޒް ޕްލޭނަކުން 20 ކިލޯ ލުއިކޮށްލި މަންމައެއް

ކުރިން ލައި އުޅުނު ހެދުންތައް، ފަލަވުމުގެ ސަބަބުން ނުލެވުމުން ދެރަވެސް ވާނެއެވެ. ރުޅިގަދަވެސް ވެދާނެއެވެ. އުމުރުން 30 އަހަރުގެ ޕްރާޗީ ތްރިޕާތީ ފަލަވީ، އޭނާގެ ދަރިފުޅު ވިހޭ ފަހުންނެވެ.

ޓައިމްސް އޮފް އިންޑިއާ އަށް މައުލޫމާތު ދެމުން ޕްރާޗީ ބުނި ގޮތުގައި، އޭނާގެ ދަރިފުޅު އުފަންވިފަހުން ޕްރާޗީގެ ބަރުދަން ވަރަށް ބޮޑަށް އިތުރުވެގެން ދިޔައެވެ. ކުރިން "މީޑިއަމް" ސައިޒްގެ ހެދުން ލަމުންދިޔަ ޕްރާޗީ ހޯދަން ޖެހުނީ "ޑަބަލްއެކްސްއެލް" ސައިޒްގެ ހެދުމެވެ.

އޭވިއޭޝަން ދާއިރާގައި މަސައްކަތްކުރާ ޕްރާޗީ، މެޓާނިޓީ ލީވަށްފަހު އެނބުރި މަސައްކަތަށް ނިކުންނަންވެގެން ބެލިއިރު، ކުރިން އޭނާ ލާން ބޭނުންކުރި އެއްވެސް ޔުނީފޯމެއްވެސް ނުލެވެއެވެ. ފަލަވުމުގެ ސަބަބުން ބުންވަރު ދަށްވުމާއި އަވަހަށް ވަރުބަލިވުން އިހުސާސް ކުރަންވެސް ޖެހުނުކަން ފާހަގަކޮށް ޕްރާޗީ ބުނީ ބަރުދަން ލުއިކުރަންވެއްޖެކަން ގަބޫލުކުރެވުނީ އެހިސާބުން ކަމަށެވެ.

ޕްރާޗީ ބަރުދަން ލުއިކުރުމަށް ކުރި މަސައްކަތުން އޭނާ ހާމަކޮށްދިނީ، ދިރިއުޅުމުގެ ވައްޓަފާޅިއަށް ކުދިކުދި ބަދަލުތަކެއް ގެނެސްގެން ބަރުދަން ލުއިކޮށްލެވޭނެ ކަމެވެ. އިސްކޮޅުގައި ފަސް ފޫޓު ތިން އިންޗި ހުންނަ ޕްރާޗީގެ ބަރުދަން އެންމެ މަތިވިއިރު ހުރީ 80 ކިލޯގައެވެ. އަށް މަސް ދުވަހުގެ މަސައްކަތުން ޕްރަޗީ ވަނީ 20 ކިލޯ ލުއިކޮށްލާފައެވެ.

ހެނދުނުގެ ނާސްތާ: އޯޓްސް އަދި ޕޯހާ

މެންދުރުގެ ނާސްތާ: 2 ޗަޕާތީ، ފެހި ތަރުކާރީކޮޅެއް، ތައްޓެއްގެ ދަހީ. (ދަހީއަކީ ގެރި/ބަކަރީގެ، ގަނޑުކޮށްފައި ހުންނަ ހުތް ކިރު.)

ރޭގަނޑުގެ ކެއުން: 2 ޗަޕާތީ، ފެހި ތަރުކާރީ ކޮޅެއް، ދާލް

ޕްރާޗީ ބުނި ގޮތުގައި އޭނާ ކެއުން ތައްޔާރުކުރީ ގޭގައެވެ. އަދި ކަސްރަތުކުރުމުގެ ގޮތުން ކޮންމެ ދުވަހަކުވެސް 45 މިނެޓު ވަންދެން ހިނގާ ކަމަށް ޕްރާޗީ ބުންޏެވެ. ހަކުރާއި ގޮދަން ފުށް ބޭނުންކޮށްގެން އުފައްދާ ކާބޯތަކެއްޗާއި ދުރުވި ކަމަށްވެސް ޕްރާޗީ ބުންޏެވެ.