4 މަސް ދުވަހުން 17 ކިލޯ ލުއިކޮށްލި ސުމީތު

އާދަޔާ ހިލާފަށް ބަރުވުމުން، ބައެއް އާދައިގެ ކަންކަން ކުރުމަކީވެސް ވަރަށް އުނދަގޫ ކަމަކަށް ވެގެންދެއެވެ. އުމުރުން 41 އަހަރުގެ ސުމީތު މާލިކްއަށްވެސް ކަން ދިމާވީ އެހެންނެވެ.

ސުމީތު ވަނީ އޭނާ ބަރުދަން ލުއިކުރުމަށް ކުރި މަސައްކަތް އިންޑިއާގެ ނޫހެއް ކަމުގައިވާ ޓައިމްސް އޮފް އިންޑިއާއަށް ހިއްސާކޮށްފައެވެ.

އިސްކޮޅުގައި ފަސް ފޫޓު ނުވަ އިންޗި ހުންނަ ސުމީތުގެ ބަރުދަން އެންމެ މައްޗަށް ދިޔައިރު ހުރީ 95 ކިލޯއެވެ. ގާތްގަނޑަކަށް ހަތަރު މަސް ދުވަހުގެ މަސައްކަތުން އޭނާ ވަނީ 17 ކިލޯ ލުއިކޮށް ބަރުދަން 78 ކިލޯއަށް ތިރިކޮށްލާފައެވެ.

ސުމީތު ބުނި ގޮތުގައި، ސިއްހަތަށް ނުރައްކާވާ ވަރަށް ފަލަވުން "އޮބެސިޓީ" އާއި އޭނާ ހަނގުރާމަ ކުރާތާ 15 އަހަރު ވެއްޖެއެވެ. ދުވަސްތައް އެހެން ފާއިތުވަމުން ގޮސް އެއް ދުވަހަކު އޭނާގެ އަންނައުނު އަޅާ އަލަމާރީގައި ހުރި އެއްޗެހި ތަންކޮޅެއް ރަނގަޅަށް ބަލާލަން ނިންމީ ކަމަށް ސުމީތު ބުންޏެވެ.

އެ ދުވަހު، ލޯގަނޑުން އަމިއްލަ ސޫރަ ފެނި ހިތް ކުދިކުދިވެގެން ދިޔަކަމަށާއި ދިރިއުޅުމަށް ބަދަލު ގެނެސް ބަރުދަން ލުއިކުރަންވެއްޖެ ކަން ގަބޫލު ކުރެވުނު ކަމަށްވެސް ސުމީތު ބުންޏެވެ. އަދި އެ ދުވަހު މަސައްކަތް ފަށައި، ޖަންކް ފުޑް އާއި ހަކުރު އެކުލެވޭ ބުއިންތައް ބޭނުންކުރުން އެ ދުވަހު ހުއްޓާލި ކަމަށްވެސް ސުމީތު ބުންޏެވެ.

ހެނދުނުގެ ނާސްތާ: ބޯތައްޓެއްގެ ނަޓްސް، އޯޓްސް އަދި ސީޑްސް، 2 ސަމުސާ ޔޯގަޓާއެކު.

މެންދުރުގެ ނާސްތާ: ގްރިލްޑް ވެޖިޓަބަލް ޕޯޝަން، ގްރިލްޑް ޗިކަން އަދި  ބޯތައްޓެއްގެ ލެންޓިލްސް

ހަވީރަށް: ތައްޓެއްގެ ކަރާ، ސްޓޯބެރީ ނުވަތަ ދެ އާފަލު

 

ރޭގަނޑުގެ ނާސްތާ: ސެލެޑް، ޒައިތޫނި ނުވަތަ ޕަނީރްއާއެކު. ނުވަތަ ޕޯޗްޑް ބިސް (ތެޔޮ ބޭނުންނުކޮށް)

ސުމީތު ބުނީ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ދެ ގަޑިއިރު ކަސްރަތު ކުރި ކަމަށެވެ. އެގޮތުން ހެނދުނު ގަޑިއެއްގެ އިރު ޖިމްގައި ހޭދަ ކުރާ ކަމަށާއި ހަވީރުވެސް ގަޑިއެއްގެ އިރު ޖިމްގައި ހޭދަ ކުރާ ކަމަށް ސުމީތު ބުންޏެވެ. ކަސްރަތު ކުރުމުން މަޑުމަޑުން ބުންވަރު ރަނގަޅު ވެގެން ދިޔަ ކަމަށްވެސް ސުމީތު ބުންޏެވެ.

މަޑުމަޑުން ދުވުމަކީވެސް އޭގެ ހެޔޮ އަސަރު ހަށިގަނޑަށް ކުރާނެ ކަމެއްކަމަށް ސުމީތު ބުންޏެވެ. ސުމީތު ބުނީ އޭނާގެ ކެއިންބުއިމުން ގޮދަން ފުށާއި ހަކުރު އެއްކޮށް ދޫކޮށްލި ކަމަށާއި ރޭގަނޑު 7 ގެ ފަހުން ނުކާ ކަމަށެވެ.