ޕެޓް ގެންގުޅުމަކީ ސިއްހީ ފައިދާ ލިބޭ ކަމެއް
ރާއްޖޭގައިވެސް ޕެޓްގެ ގޮތުގައި އެކި ބާވަތްތަކުގެ ދިރޭތަކެތި ގެންގުޅުމަކީ ވަރަށް ގިނަ މީހުން ކުރާ ކަމެކެވެ. އެ މީހުން އެތަކެތި ގެންގުޅެނީ އަޅާލުމާއި ލޯބި ދީގެންނެވެ.
ލޯތްބާއި އަޅާލުން ދީގެން ޕެޓެއް ގެންގުޅުމަކީ ފަސޭހަ ކަމެއް ނޫނެވެ. ޕެޓެއް ގެންގުޅުމަކީ މީހާ މުރާލި ކޮށްދޭ ކަމެކެވެ. މީހާ ޒިންމާދާރުކުރުވާ އަދި ކަންކަމުގައި ފަރުވާތެރިކަން ބެހެއްޓުމަށް ދަސްކޮށްދޭ ކަމެކެވެ. މީގެ އިތުރުން ޕެޓެއް ގެންގުޅުމަކީ ސިއްހީ ގޮތުންވެސް ބައެއް ފައިދާތައް ލިބޭ ކަމެކެވެ.
އެމެރިކާގެ ޔުނިވާސިޓީއެއްގައި ކުރެވުނު ދިރާސާއަކުން ހާމަވި ގޮތުގައި ލޯތްބާއި އަޅާލުން ދީގެން ގެންގުޅޭ ޕެޓަކާއެކު ވަގުތު ހޭދަކުރުމަކީ ބޯހާސްކުރުވާ ކަންކަމާއި ފިކުރުތަކާއި ދުރުކޮށްދޭ ކަމެކެވެ.
ޕެޓެއް ގެންގުޅުމަކީ މީހާގެ މޫޑު ރަނގަޅުކޮށްދޭ ކަމެކެވެ. ކަމަކާމެދު ހިތްހަމަ ނުޖެހިފައި ހުރި ނަމަވެސް ޕެޓާއެކު ވަގުތު ހޭދަކޮށްލުމުން ގިނަ މީހުންގެ މޫޑް ހަމައަކަށް އަޅުވައިދެއެވެ.
އެހެން ދިރާސާއަކުން ހާމަވި ގޮތުގައި ޕެޓް ގެންގުޅޭ ކުޑަކުދިންގެ ދިފާއީ ނިޒާމު، ޕެޓެއް ނުގެންގުޅޭ ކުދިންނާއި އަޅާބަލާއިރު ވަރުގަދައެވެ. ޕެޓް ގެންގުޅުމަކީ އެލާޖީވުމުގެ ފުރުސަތު ކުޑަކޮށްދޭ ކަމެކެވެ.