ހިނގުމަކީ ދަށް ފެންވަރުގެ ކަސްރަތެއް ނޫން

ބަރުދަން ލުއިކުރުމަށް ކަސްރަތުކުރުމުގެ ވާހަކަ ދެކެވޭއިރު، ކަސްރަތެއްގެ ގޮތުގައި ހިނގުން ބެލެވިފައި އޮންނަނީ ވަރަށް ދަށް ފެންވަރުގެ ކަމެއްގެ ގޮތުގައެވެ. މިއީ އެ ވިސްނުން ބަދަލުކުރަންވީ ވަގުތެވެ.

ހިނގުމަށް ޖިމަކަށް ދާކަށް ނުޖެހޭނެއެވެ. ނަމަވެސް ބަރުދަން ލުއިކުރުމުގެ ލަނޑުދަނޑި ހާސިލުކުރެވިދާނެއެވެ.

ކަސްރަތުކޮށްގެންވެސް އެކި މީހުންނަށް ބަރުދަން ލުއިވާނީ އެކި މިންވަރަށެވެ. ފިޓްނެސް ޑައިރެކްޓަރު މިޝެލް ސްޓަންޓެން ފާހަގަކޮށްފައިވާ ގޮތުން ކަސްރަތުކުރުމަށް ހިނގައިގެން، ބައެއް މީހުން އަށް ހަފުތާ ތެރޭގައި ހަ ކިލޯ އާއި ނުވަ ކިލޯ ލުއިވެފައި އެބަހުއްޓެވެ.

އަންހެނުންނަށްވުރެ ފިރިހެނުންގެ ބަރުދަން ލުއިވާ މިންވަރު އަވަސްކަމަށް ފާހަގަކުރެވިފައިވެއެވެ. ބައެއް މީހުންގެ ބަރުދަން ލުއިވާ މިންވަރު ވަރަށް ދަށްކަންވެސް ފާހަގަ ކުރެވިފައިވެއެވެ.

އަދާކުރާ ވަޒީފާގެ ގޮތުން ގިނައިރު ކޮށްޅަށް ހުންނަށް މީހަކު، ހިނގަން ނުޖެހޭ ކަމަށް ގިނަ ބަޔަކު ދެކެއެވެ. ނަމަވެސް މިޝޭލް ބުނި ގޮތުގައި އެފަދަ މީހަކުވެސް ހިނގަން ޖެހޭނެއެވެ. ވަޒީފާގެ ގޮތުން ގިނައިރު އިށީނދެ އިންނަ މީހަކުވެސް، ހިނގާލުމުން ބަރުދަން ލުއިކުރުމުގެ ނަތީޖާ ފެނިގެން ހިނގައިދާނެ ކަމަށް މިޝޭލް ވަނީ ބުނެފައެވެ.

ބަރުދަން ލުއިކުރުމަށް ހިނގާއިރު އިންޓަވަލްތަކަށް ބަހާލައިގެން ހިނގުމަކީ ކުރެވިދާނެ ކަމެކެވެ. އެ ގޮތުން ތިން މިނެޓު ބާރަށް ހިނގުމަށްފަހު ތިން މިނެޓު މެދު މިންވަރެއްގެ ދުވެއްޔެއްގައި ހިނގުން ތަކުރާރުވާ ގޮތަށް ހިނގުމަކީ ކުރެވިދާނެ ކަމެކެވެ.

ބަރުދަން ލުއިކުރުމަށް އެންމެ ފުރަތަމަވެސް ކޮންމެ ދުވަހަކު އެއް ގަޑިއިރަށް ހިނގާކަށް ނުޖެހޭނެއެވެ. ނަމަވެސް އެ މިންވަރަށް ހިނގުމަކީ ރަނގަޅު ކަމެކެވެ. މުހިންމު އަނެއް ކަމަކީ ކޮންމެ ދުވަހަކުވެސް ހިނގުމުގެ އާދަ ގެންގުޅުމެވެ.