އަލަނާސިން ލިބޭ ބައެއް ސިއްހީ ފައިދާތައް

އަލަނާސިއަކީ ވަރަށް ގިނަ ވައްތަރުގެ ވިޓަމިންސް އިން މުއްސަނދިވެފައިވާ މޭވާއެކެވެ. އޭގެ އިތުރުން އަލަނާސީގައި އެންޒައިމްސް އަދި އެންޓިއޮކްސިޑެންޓްސް ހިމެނެއެވެ.

ދިރާސާތަކުން ދައްކާ ގޮތުން އަލަނާސި ކެއުމުން، ކަށިތައް ވަރުގަދަކޮށްދީ ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށްދެއެވެ. އަދި އިންފެކްޝަނާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް އެހީވެދެއެވެ.

އާތުރައިޓިސްއަށް ފަރުވާއެއް

 އާތުރައިޓިސްއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަރަށް އާންމު ކަމެކެވެ. މި ބަލީގެ ވޭން ތަހައްމަލު ކުރަންޖެހިފައިވާ މީހުންގެ ގައިގެ މަސްތަކާއި ހުޅުތައް ދުޅަވެ، ވަރަށް ގަދަޔަށް ރިއްސައެވެ.

އަލަނާސީގައި ހުންނަ އެންޒައިމެއް ކަމަށްވާ ބްރޮމެލައިންގެ ސަބަބުން، މަސްތަކާއި ހުޅުތަކުގައި ހުންނަ ދުޅަ ތިރިކޮށްދީ ތަދު ކުޑަކޮށްދެއެވެ. އެހެންކަމުން އަލަނާސިއަކީ، އާތުރައިޓިސް ހުންނަ މީހުންނަށް ވަރަށް މުހިންމު މޭވާއެކެވެ.

ކަށިތައް ވަރުގަދަ ކޮށްދިނުުން

އަލަނާސީގައި ވަރަށް ގިނައިން، މިނަރަލް މެގްނީސިއަމް އެކުލެވިގެންވެއެވެ. މިއީ އިންސާނާގެ ހަށިގަނޑުގެ ކަށިތައް ވަރުގަދަކޮށްދޭ މާއްދާއެކެވެ.

އެހެންކަމުން މި މޭވާއަކީ، ހެދިބޮޑުވަމުން އަންނަ ކުދިންނަށާއި އުމުރުން ދުވަސްވީ މީހުންގެ ކަށިތަކުގެ ދުޅަހެޔޮ ފައިދާކުރާނެ މޭވާއެކެވެ.

ބީޕީ ދަށްކޮށްދިނުން

ބްލަޑް ޕްރެޝަރު މަތިނަމަ، ކޮންމެ ދުވަހަކު އަލަނާސި ކެއުމުން ނުވަތަ އަލަނާސި ޖޫސް ބޯނަމަ ބްލަޑް ޕްރެޝަރު ހަމަޔަކަށް އަޅުވައިދިނުމަށް އެހީވެދެއެވެ.

ހިތުގެ ބަލިތަކަށް ފަރުވާއެއް

އަލަނާސި ޖޫސް ބޯނަމަ، ލޭ ދައުރުވުން ރަނގަޅުކޮށްދެއެވެ. އޭގެ އިތުރުން އަލަނާސި ޖޫސް ބޯނަމަ، ހާޓް އެޓޭކް، ސްޓްރޯކް އަދި ހިތުގެ އެހެން ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަކޮށްދެއެވެ.

ކެންސަރާ ހަނގުރާމަކުރުން

އަލަނާސިއަކީ ކެންސަރާއި ދެކޮޅަށް ހަނގުރާމަކުރާ މޭވާއެކެވެ. އަލަނާސިއަކީ ވަރަށް ގިނަ އަދަދަކަށް އެންޓިއޮކްސިޑެންޓް އަދި ވިޓަމިން ސީ އެކުލެވޭ މޭވާއެކެވެ. މީގެ ސަބަބުން ކެންސަރުން ދުރުކޮށްދިނުމަށް އެހީވެދެއެވެ.