ކިޑްނީގައި ހިލަހުރިކަމުގެ ފަސް އަލާމާތް

ކިޑްނީގައި ހިލަ އުފެދޭކަން އިންސާނުން ވަނީ 600 ބީސީ ގައި ދެނެގަނެފައެވެ. އަންހެނުންނަށްވުރެ ފިރިހެނުންނަށް މިބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ. ކިޑްނީގައި ހިލަހުރި ނަމަ ބައެއް ހާލަތްތަކުގައި އެއްވެސް އަލާމާތެއް ނުފެނިވެސް ހުރެދާނެއެވެ. ނަމަވެސް ކިޑްނީގައިވާ ހިލަ ދުވާކަމުގައިވާނަމަ އެއީ ވަރަށް ވޭންހުރި ކަމެކެވެ.

މިއީ ކިޑްނީގައި ހިލަ އުފެދިފައިވާނަމަ ފެނިދާނެ ބައެއް އަލާމާތްތަކެވެ.

ރިއްސުން

ބަނޑާއި، ބުރަކަށި، އުކުޅުވަޅުގައި ވަރަށް ގަދަޔަށް ރިއްސުމަކީ އެކަށީގެންވާ ކަމެކެވެ. މިހެން ދިމާވަނީ ހިލަކޮޅު، ކުޑަކަމުދާ ތަކެތި ކިޑްނީ އިން ބްލެޑާ ތެރެއަށް ފޯރުކޮށްދޭ ހޮޅި ތެރޭގައި ހިލަކޮޅު ތާށިވެ އެކަމުގެ ސަބަބުން ކިޑްނިއަށް ޕްރެޝަރުކުރުމުންނެވެ.

ޔޫރިންއަށް ބަދަލު އައުން

 ކިޑްނީގައި ހިލަ ހުންނަނަމަ، ޔޫރިންއަށް ބަދަލުއާދެއެވެ. އެގޮތުން ޔޫރިންގެ ކުލަ ބަދަލުވުމާއި، އަވަސް އަވަހަށް ކުޑަކަމުދާން ޖެހުމާއި ކުޑަކަމުދާން އުނދަގޫވުމާއި ކުޑަކަމުދާއިރު ދިލަ ނެގުމަކީ އެކަށީގެންވާ ކަމެކެވެ.

ކިޑްނީ އިން ކުޑަކަމުދާ ތަކެތި ބޭރުކޮށްދޭ ހޮޅި ތެރޭ ހިލަކޮޅު ތާށިވުމުން ކުޑަކަމުދެވޭލެއް މަދުވެ، ބައެއް ފަހަރު އެއްގޮތަކަށްވެސް ކުޑަކަމު ނުދެވޭ ގޮތް ދިމާވެދާނެއެވެ. ކުޑަކަމުދާ ތަކެތީގައި ލޭގެ އަސަރު ހުރުމަކީވެސް އެކަށީގެންވާ ކަމެކެވެ.

ހުން އައުން

 ވަރަށް ގަދަޔަށް ހުން އަންނަނީ ނަމަ އެއީ ކުޑަކަމުދާ ނިޒާމުގައި ނުވަތަ ކިޑްނީގައި ހުރި އިންފެކްޝަނެއްގެ ސަބަބުން ދިމާވާ ކަމަކަށް ވެދާނެއެވެ.

ހޮޑުލަވާގޮތް ވުން

ކިޑްނީގައި ހިލަ ހުރިކަމުގެ އަނެއް އަލާމާތެއްގެ ގޮތުގައި އަބަދު ހޮޑުލަވާފައިހުރުން ހިމެނެއެވެ. މިހެން މި ދިމާވަނީ ކިޑްނީ އަދި ގޭސްޓްރޮއިންޓެސްޓިނަލް ޓްރެކް ގުޅިފައިވާ ގޮތުންނެވެ.

ވަރުބަލިވުން

ކިޑްނީގައި ހިލަ އުފެދޭނަމަ ކިޑްނީގެ ހަރަކާތްތައް މަދުވެ، ހަށިގަނޑު ތެރޭގައި ވިހައިގެ މާއްދާތައް ގިނަވެއެވެ. މިހެންވުމުގެ ސަބަބުން ވަރުބަލިވެ ގައިން ބާރު ދާގޮތް ދިމާވެއެވެ.

ކިޑްނީގައި ހިލަ އުފެދެން ދިމާވާ ބައެއް ކަންކަން

  • ހަށިގަނޑަށް އެކަށީގެން ވާވަރަށް ފެން ނުބުޔުން
  • އާއިލާގައި އެހެން މީހަކީ މި މައްސަލަ ހުރި މީހަކަށްވާނަމަ މިބަލި ޖެހުމުގެ ފުރުސަތު އޮވޭ.
  • މާގިނައިން ހަކުރު، ޕްރޮޓީން އަދި ސޯޑިއަމް ބޭނުންކުރުން.
  • ވިޓަމިން "ޑީ" އަދި ކެލްސިއަމް އިތުރުނަމަ.