ކިޑްނީގެ ދުޅަހެޔޮ ކަމަށް ކުރެވިދާނެ ކަންތައްތައް

ކިޑްނީއަކީ ހަށިގަނޑުގައި ހިމެނޭ ވަރަށް މުހިންމު ގުނަވަނެކެވެ. މި ގުނަވަނުން ކުރާ މަސައްކަތަކީވެސް އެހާމެ މުހިންމު މަސައްކަތެކެވެ.

އަޅުގަނޑުމެންގެ ތެރޭގައި ކިޑްނީ ބަލި ތަހައްމަލު ކުރަމުންދާ މީހުން ވަރަށް ގިނައެވެ. ލޭ މައްޗަށް ދިއުމާއި ހަކުރު ބަލި ހުންނަ މީހުންނަކީ ކިޑްނީގެ މައްސަލަ ޖެހުމުގެ ފުރުސަތު ބޮޑު މީހުންނެވެ. އާއިލާގައި ކިޑްނީގެ މައްސަލަ ހުރި މީހަކު ހުރި ނަމަ، އާއިލާގެ ދެން ތިބި މެންބަރުންނަށް ކިޑްނީގެ މައްސަލައެއް ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ކަމާބެހޭ މާހިރުން ބުނެއެވެ.

ކިޑްނީގެ ދުޅަހެޔޮ ކަމަށް، އެކަށީގެންވާ ވަރަށް ފެން ބުއިމަކީ ވަރަށް މުހިންމު ކަމެކެވެ. ކުޑަކަމުދާއިރު، ކުލަގަދަކޮށް ހުންނަ ނަމަ އޭގެ މާނައަކީ އެކަށީގެންވާވަރަށް ފެން ނުބޮވޭ ކަމެވެ.

އާންމުކޮށް އެންމެންވެސް ކިޑްނީގެ ޗެކަޕް ހެދުމަކީ މުހިންމު ކަމެކެވެ. އެގޮތުން އަހަރަކު ދެ ފަހަރު ކިޑްނީގެ ޗެޕަކެއް ހެދުމަށް ސިއްހީ މާހިރުން ލަފާ ދެއްވައެވެ.

ކެއިން ބުއިމުގައި ސިއްހަތަށް ފައިދާހުރި ކާނާ ހިމެނުމާއި ގަވާއިދުން ކަސްރަތު ކުރުމަކީ ކިޑްނީގެ ދުޅަހެޔޮ ކަމަށް ކުރެވިދާނެ ކަމެކެވެ. ކިޑްނީގެ ދުޅަހެޔޮ ކަމަށް ޑޮކްޓަރެއްގެ ލަފާ ނެތި، ބޭސް ބޭނުން ކުރުމާއި ދުރުވާށެވެ.