އޭސީގައި ގިނައިރު އުޅުމުން ދިމާވާ ބައެއް ސިއްހީ މައްސަލަތައް

ގޭގައި ހޭދަކުރާ ވަގުތުތަކުގަޔާއި އޮފީހުގައި މަސައްކަތް ކުރަން އިންނައިރު ހޫނުވާނަމަ ކެތްކޮށްލަން އުނދަގޫވެއެވެ. މިކަމަށް ހައްލު ގެނައުމަށް އެއާ ކޮންޑިޝަން ޖައްސާލުމުން ކުޑައިރުކޮޅެއްގެ ތެރޭގައި އެ މާހައުލު ފިނިކޮށްލައެވެ. އެއާއެކު ހަށިގަނޑަށް ފިނިކަން ފޯރުކޮށްދީ، ހޫނުގެ ސަބަބުން ވާ އުނދަގޫތަކަށް ވަގުތީ ހައްލެއް ގެނެސްދެއެވެ.

އެއާ ކޮންޑިޝަން ކުރެވިފައިވާ ތަންތަނުގައި މާ ގިނަ ވަގުތު ހޭދަކުރުމުން ސިއްހަތަށް ނޭދެވޭ އަސަރުތަކެއް ކުރެއެވެ. މިއީ އެފަދަ ބައެއް ކަންކަމެވެ.

ހަންގަނޑު ހިކުން

އޭސީ ކުރެވިފައިވާ މާހައުލެއްގައި ގިނަ ވަގުތު ހޭދަ ކުރާކަމުގައިވާނަމަ، ހަންގަނޑުގައި ހުންނަ މޮއިސްޗާކަން ގެއްލެއެވެ. ހަންގަނޑަށް ބޭނުންވާ ވަރަށް މޮއިސްޗަރައިޒާ ބޭނުން ނުކުރާ ކަމުގައި ވާނަމަ ހަންގަނޑު ޑްރައި ވުމުގެ މައްސަލަ ކުރިމަތިވެއެވެ.

ޑީހައިޑްރޭޝަން

އޭސީ ކުރެވިފައިވާ ތަނެއްގައި ގިނައިރު ހޭދަކުރުމުން، ޑީހައިޑްރޭޓް ވުމުގެ ފުރުސަތު އިތުރުވެގެންދެއެވެ. އޭސީ ކުރެވިފައިވާ ތަނެއްގައި އިންނައިރު، ފިނިކަން އިހުސާސްވާތީ ގިނައިން ފެން ބޯން ބޭނުން ނުވެދާނެއެވެ. ނަމަވެސް އެކަށީގެންވާ މިންވަރަށް ފެން ނުބޯކަމުގައިވާނަމަ ޑީހައިޑްރޭޓްވުމުގެ ފުރުސަތު ބޮޑުވެގެންދާނެއެވެ.

ބޮލުގައި ރިއްސުން

މިއީވެސް އާންމުކޮށް އޭސީ ކުރެވިފައިވާ މާހައުލުތަކުގައި ގިނައިރު އުޅޭ މީހުންނަށް ދިމާވާ އާންމު މައްސަލައެކެވެ. މިހެންވުމަށް މެދުވެރިވާ އެއް ސަބަބަކީ، އޭސީ ކުރެވިފައިވާ މާހައުލަކީ، ބަންދު ކުރެވިފައިވާ ތަނަކަށްވެފައި، އެތަނުގެ ފިނިމިން އިތުރުވުމުންނެވެ. ޑީހައިޑްރޭޓްވެގެންވެސް ބޮލުގައި ރިއްސުމަކީ އެކަށީގެންވާ ކަމެކެވެ.

ހޫނު ތަހައްމަލު ކުރަން އުނދަގޫވުން

އޭސީގެ ފިނި، ހަށިގަނޑުގެ ގުދުރަތީ ފިނިހޫނުމިނާއި ކުޅެލައެވެ. އޭސީ ކުރެވިފައިވާ މާހައުލުތަކުގައި ގިނަ ވަގުތު ހޭދަ ކުރާ މީހުންނަށް، ހޫނު މޫސުމުގައި ވަރަށް ބޮޑަށް އުނދަގޫވެއެވެ. މިހެން ދިމާ ވަނީ، އޭސީ އިން ފިނި ކުރެވިފައިވާ މާހައުލެއްގައި އުޅެފައި ކުއްލިއަކަށް ބޭރަށް، އަތްވަށް ނުކުތުމުން ހަށިގަނޑަށް އަންނަ ލޮޅުމަކުންނެވެ.

ރޯގާ އަދި ނޭވާ ހިއްލުން

އޭސީއަކީ ރަނގަޅަށް ބަލަހައްޓަން ޖެހޭ އެއްޗެކެވެ. ސާފުކުރުމާއި ސާވިސްކުރުން ގަވާއިދުން ކުރަން ޖެހެއެވެ. އޭސީ އިންޑޯ ޔުނިޓްގައި ހުންނަ ދާގަނޑެއްގައި ހިރަފުސް ހަރުލައެވެ. ގަވާއިދުން އޭސީ ރަނގަޅަށް ސާފުނުކުރާނަމަ ރޯގާ ޖެހުމާއި ނޭވާ ހިއްލުމުގެ މައްސަލަތައް ދިމާވެއެވެ.