މިކަންކަން ޑޮކްޓަރުންނަށް ސިއްރުކުރުން ރަނގަޅެއް ނޫން

ޑޮކްޓަރަށް ދައްކަން ގޮސް، ޑޮކްޓަރުންނަށް ދޮގު މައުލޫމާތު ދިނުން ނުވަތަ ބައެއް ކަންކަން ސިއްރު ކުރުމަކީ ވަރަށް ގިނަ މީހުންގެ އާދައެކެވެ. ނަމަވެސް މިއީ ވަރަށް ކަންބޮޑުވާން ޖެހޭ ސީރިއަސް ކަމެކެވެ. މިކަމުގެ ސަބަބުން ސިއްހީ ނުރައްކަލެއް ދިމާވުމަކީވެސް އެކަށީގެންވާ ކަމެކެވެ.

މިކަންކަން ޑޮކްޓަރުންނަށް ސިއްރު ނުކުރާށެވެ. އެހެންނޫނަމަ ތިމާގެ ސިއްހީ ހާލަތު އިތުރަށް ގޯސްވުން އެކަށީގެންވެއެވެ.

އޮޕަރޭޝަނެއް ކޮށްފައިވާނަމަ

ކުރިން އޮޕަރޭޝަނެއް ކޮށްފައިވާނަމަ އެ މައުލޫމާތު ފަހުން ދައްކާ ޑޮކްޓަރުންނާއި ހިއްސާކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ހާއްސަކޮށް ބޮޑު އޮޕަރޭޝަނެއްކޮށްފައިވާ ނަމަ އެކަން ސިއްރު ނުކުރާށެވެ.

ބޭސް ބޭނުން ކުރާ ގޮތް

ޑޮކްޓަރު ބޭހެއް ދީފިނަމަ، އެ ބޭސް ބޭނުންކުރުމަށް ލަފާ ދީފައިވާ ގޮތަށް އެ ބޭސް ބޭނުން ކުރާށެވެ. ސިއްހީ މައްސަލައެއް ދިމާވެގެން ޑޮކްޓަރަށް ދައްކާއިރު އޭރުވެސް ބޭހެއް ބޭނުންކުރާނަމަ އެ މައުލޫމާތުވެސް ޑޮކްޓަރާއި ހިއްސާކުރާށެވެ. އެލާޖީވާ ބޭހެއް ފާހަގަ ކުރެވޭނަމަ އެ ބޭހުގެ މައުލޫމާތު ފުރިހަމައަށް ޑޮކްޓަރާއި ހިއްސާކުރާށެވެ.

ފަރުވާ ކުޑަވެގެން ނަމަވެސް ބޭސް ބޭނުން ނުކުރާނަމަ ޑޮކްޓަރު ކައިރީ ތެދަށް ބުނަންވާނެއެވެ. ބައެއް ފަހަރު ބަލި މީހާ ބޭސް ބޭނުން ނުކޮށް ނުވަތަ ދީފައިވާ މިންގަނޑަށްވުރެ މަދުން ބޭސް ބޭނުންކުރުމަށް ފަހު ބަލިން ރަނގަޅު ނުވާކަމުގެ ޝަކުވާއާއެކު ޑޮކްޓަރުން ގާތަށް ދެއެވެ.

ބޭސް ބޭނުންކުރި ގޮތް ރަނގަޅަށް ކިޔާ ނުދޭ ކަމުގައި ވަނީނަމަ، އެއީ އެ ބޭސް ބަލިމީހާ އާއި ނުގުޅެނީ ކަމެއް ނޫނީ އެހެން ކަމަކުން ވާ ކަމެއްކަމެއް ކިޔާ ދޭން ނޭނގޭނެއެވެ.

ކެއިން ބުއިން

ހަކުރު ބަލި، ލޭ މައްޗަށް ދިޔުން، ކޮލެސްޓްރޯލް ފަދަ ސިއްހީ މައްސަލައެއް ހުރެގެން ޑޮކްޓަރަށް ދައްކާއިރު، ކެއިން ބުއިމާއި ބެހޭ ގޮތުން ޑޮކްޓަރުން ސުވާލުކުރާނެއެވެ. ބޭސް ދިނުމަށްފަހު، ފަހުން ފޮލޯއަޕް ހަދާ ޓެސްޓްތައް ހަދާނެއެވެ. އޭރުވެސް ބަލި ކޮންޓްރޯލް ނުވާނަމަ ކެއިން ބުއިމާއި ބެހޭ ގޮތުން ޑޮކްޓަރުން ސުވާލު ކުރުމުން ބަލި މީހުން ދެނީ ދޮގު މައުލޫމާތެވެ.

ބައްޔާއި ގުޅިގެން ތެޔޮ، ހަކުރު ނުވަތަ ލޮނު އެކުލެވޭ ކާނާ އާއި ދުރުވުމަށް ޑޮކްޓަރުން ލަފާ ދޭނެއެވެ. ނަމަވެސް ބަލި މީހުންގެ އަމަލު ހުންނަނީ އިދިކޮޅަށެވެ. އަދި އެކަންވެސް ސިއްރުކުރެއެވެ.

މިހާލަތުގައި ގިނަ ފަހަރު ބޭހަށް ބަދަލު ގެނައުން، ބޭސް ބަދަލުކުރުން ނުވަތަ ބޭހުގެ ޑޯޒް އިތުރު ކުރުމަށް ޑޮކްޓަރުން އިރުޝާދު ދޭނެއެވެ. ދޮގު މައުލޫމާތު ދޭނަމަ އާހިރުގައި އަނިޔާ ލިބެނީ ތިމާގެ ހަށިގަނޑަށެވެ.

އިތުރަށް...

އިތުރު ކަމެއްގެ ގޮތުން ފާހަގަ ކޮށްލެވެނީ ސިނގިރޭޓް ބޯ މީހުންވެސް ބައެއްފަހަރު މިކަން ޑޮކްޓަރުންނަށް ފޮރުވާ ކަމެވެ. ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ސިއްހީ ގިނަ މައްސަލަތަކެއް ކުރިމަތި ކުރުވާކަމެކެވެ. އޮޕަރޭޝަނަކަށް ތައްޔާރުވާނަމަ ސިނގިރޭޓާއި ދުރުވުމަށް ޑޮކްޓަރުން ބުނެއެވެ. ސިނގިރޭޓް ބޯނަމަ، އޮޕަރޭޝަނަށް ކަފާލާ ތަންކޮޅު ރަނގަޅުވުން ލަސްވެއެވެ.