މިކަންކަމުން ހިތުގެ ބަލިތަކަށް މަގުފަހިވޭ

އެމެރިކާގެ ސެންޓާސް ފޮ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، އެ ގައުމުގައި ގިނަ މީހުން މަރުވަނީ ހިތުގެ ބަލިތަކުގައެވެ.

ދިރިއުޅުމުގެ ވައްޓަފާޅީގެ ސަބަބުންވެސް ހިތުގެ ބަލިތަކަށް ހުށަހެޅެއެވެ. މިއީ ހިތުގެ ބަލިތަކަށް މަގުފަހިވާ ބައެއް ކަންކަމާއި ހިތުގެ ބަލިތަކަށް ހުށަހެޅުން ކުޑަކުރުމަށް ކުރެވިދާނެ ބައެއް ކަންކަމެވެ.

އާދަޔާ ހިލާފަށް ބަރުދަން އިތުރުވުން

ބަރުދަން އިތުރުވުމަކީ ހިތުގެ ސީރިއަސް މައްސަލަތަކަށް މަގުފަހިކުރުވާ ކަމެކެވެ. ބަރުދަން އިތުރުނަމަ، ބަރުދަން ލުއިކޮށްލުމުން ހިތުގެ ބަލިތަކަށް އޮތް ރިސްކް ކުޑަވެގެންދާނެ ކަމަށް މެޑިކަލް ޑޮކްޓަރު ނީކާ ގޯލްޑްބާގް ވިދާޅުވިއެވެ.

ބަރުދަން އިތުރުވުމަކީ ސިއްހީ އިތުރު މައްސަލަތަކަށް މަގުފަހިކުރުވާ ކަމެކެވެ. އޭގެ ތެރޭގައި ކޮލެސްޓްރޯލް މިންވަރަށް ބަދަލުއައުމާއި، ހަކުރު ބައްޔަށް މަގުފަހިވުމާއި ލޭގެ ޕްރެޝަރު އިތުރުވުން ހިމެނެއެވެ. އެހެންކަމުން ހިތުގެ ބަލިތަކަށް ފުރުސަތު ކުޑަކުރުމަށް ބަރުދަން ލުއިކޮށްލަން ޖެހެއެވެ.

ބެލެންސް ޑައިޓެއް ނުގެންގުޅުން

ސިއްހަތަށް ފައިދާ ހުރި ޑައިޓެއް ގެންގުޅުމަކީ ދުޅަހެޔޮ ހިތަކަށް އެންމެ މުހިންމު އެއް ކަންތަކެވެ.

ހާވާޑް މެޑިކަލް ސްކޫލުން ހާމަކުރި ގޮތުގައި ދުޅަހެޔޮ ޑައިޓަކަށް ކެއުމުގައި މޭވާ އާއި ތަރުކާރީ ހިމަނަން ޖެހެއެވެ. އޭގެ އިތުރުން ބަދަނާއި ހާބްސް ކެއުމުގައި ހިމަނަން ޖެހެއެވެ. އެއާއެކު ޕްރޮސެސް ކާނާ އާއި ލޮނު އެކުލެވޭ ކެއުން މަދުކުރަން ޖެހެއެވެ. އަދި ހަކުރު އެކުލެވޭ ބުއިންތައްވެސް މަދުކުރަން ޖެހެއެވެ.

ހަމަ ނިދި ނުލިބުން

ހަމަ ނިދި ނުލިބުމަކީވެސް ހިތުގެ ބަލިތަކަށް މަގުފަހިވާ ކަމެކެވެ. އެމެރިކާގައި ކުރެވިފައިވާ ދިރާސާތަކުން ދައްކާ ގޮތުން އެ ގައުމުގައި އުމުރުން 18 އަހަރުން މަތީގެ މީހުންގެ ތެރެއިން ކޮންމެ ތިން މީހަކުން އެކަކަކީ ރޭގަނޑު ހަތް ގަޑިއިރުގެ ނިދި ގަވާއިދުން ނުލިބޭ މީހުންނެވެ.

ހިތުގެ ބަލިތަކަށް އޮތް ފުރުސަތު ކުޑަކުރުމަށް ހަމަ ނިދި މުހިންމެވެ.

ކަސްރަތު ނުކުރުން

ކަސްރަތުނުކުރުން އަދި ހަރަކާތް މަދު ދިރިއުޅުމުގެ ސަބަބުންވެސް ހިތުގެ ބަލިތަކަށް މަގުފަހިވެއެވެ. ހަރަކާތްތެރިވެ ނޫޅުމަކީ ހިތުގެ ބަލިތަކާއި، ބައެއް ބާވަތުގެ ކެންސަރު ޖެހުމުގެ ފުރުސަތުވެސް އިތުރުކޮށްދޭ ކަމެކެވެ. ހިތުގެ ދުޅަހެޔޮ ކަމަށް ގަވާއިދުން ކަސްރަތުކުރުމަށް ކަމާބެހޭ މާހިރުން ލަފާދެއެވެ.