8 މަސް ދުވަހުން 40 ކިލޯ ލުއިކޮށްލި ސިދްހާތު
ބަރުދަން ހުންނަން ޖެހޭ މިންވަރަށްވުރެ މަތި ކަމަށާއި އެކަމުން ސިއްހީ މައްސަލަތަކެއް ދިމާވެދާނެ ކަމަށް އެކުވެރިން ބުނުމަކީ، ބަރުދަން ލުއިކުރުމަށް ސިދްހާތު ޝިންދެ އަށް ލިބުނު ހިތްވަރެކެވެ.
އުމުރުން 35 އަހަރުގެ ސިދްހާތު ވަނީ އޭނާ ބަރުދަން ލުއިކުރުމަށް ކުރި މަސައްކަތާއި އެކަމަށް ހިތްވަރު ލިބުނު ގޮތް ޓައިމްސް އޮފް އިންޑިއާއަށް ހިއްސާކޮށްފައެވެ.
ސިދްހާތު ބުނި ގޮތުގައި އޭނާގެ ބަރުދަން އެންމެ މައްޗަށް ދިޔައިރު ހުރީ 112 ކިލޯއެވެ. އެކުވެރިން ދިން ނަސޭހަތާއެކު ބަރުދަން ލުއިކުރަން ސިދްހާތު އަޒުމު ކަނޑައެޅިއެވެ. ކެއިންބުއިމަށް ހެޔޮ ބަދަލެއް ގެނެސް ކަސްރަތުކޮށް ބަރުދަން ލުއިކުރުމަށް ސިދްހާތު މަސައްކަތް ފެށިއެވެ. އޭގެ 8 މަސް ދުވަސްފަހުން، މިހާރު ސިދްހާތުގެ ބަރުދަނުގައި ހުރީ 70.3 ކިލޯއެވެ.
ސިދްހާތުގެ ކެއިން ބުއިން
ހެނދުނު: 2 ސްލައިސް ބްރައުން ބްރެޑް އާއި 5 ބިސް (ހުދުބައި އެކަނި) އަދި ޕްރޮޓީން ސްމޫތީ
މެންދުރު: 200 ގްރާމް ޗިކަން ބްރެސްޓް، ބްރައުން ރައިސް އަދި ތަރުކާރީ ސެލެޑް
ރޭގަނޑު: 200 ގްރާމް ޗިކަން ބްރެސްޓް އަދި ޕްރޮޓީން ޝޭކް
ސިދްހާތު ބުނި ގޮތުގައި ހަފުތާއަކު ހަ ދުވަހު، އޭނާ ކަސްރަތުކުރުން ކުރިއަށް ގެންދިޔައެވެ. އަދި އެއް ދުވަސް އަރާމުކުރަން ހަމަޖެއްސިއެވެ. ކަސްރަތުކުރާ ދުވަސްތަކުގައި، ވެއިޓް ޓްރެއިނިން އަށް ކޮންމެ ދުވަހަކުވެސް ދޮޅު ގަޑިއިރު ހޭދަކުރާ ކަމަށާއި ކާޑިއޯއަށް 30 މިނެޓް ހޭދަކުރާ ކަމަށް ސިދްހާތު ބުންޏެވެ.
ބަރުދަން ލުއިކުރުމަކީ ކެތްތެރިކަން ބޭނުންވާނެ ކަމެއްކަން ފާހަގަކޮށް ސިދްހާތު ބުނީ ބަރުދަން ލުއިކުރުމަށް ޝޯޓްކަޓެއް ނޯންނަކަން އޭނާއަށް ދަސްވި ކަމަށެވެ.