ހިމަބިހީގެ ސަބަބުން ބަލިތަކާއި ހަނގުރާމަކުރަން ހަށިގަނޑު "ހަނދާންނެތޭ": ދިރާސާ

ހިމަބިހި ނުވަތަ މީސަލްސް، އިންފެކްޝަންތަކާއި ހަނގުރާމަކުރުމަށް ހަށިގަނޑު "ހަނދާންނެތޭ" ކަން ދިރާސާއަކުން ހާމަވެއްޖެއެވެ.

ނެދަލޭންޑްސްގައި ކުރެވުނު ދިރާސާއަކުން ހާމަވި ގޮތުގައި، ހިމަބިހީގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމު ނުވަތަ އިމިއުން ސިސްޓަމަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރުކުރުވައެވެ.

ހިމަބިހީގެ ސަބަބުން، ބަލިތަކާއި ދެކޮޅަށް މަސައްކަތް ކުރަންވީ ގޮތް، ހަށިގަނޑުގެ ދިފާއީ ނިޒާމު ހަނދާން ނެތޭ ކަމަށާއި އޭގެ އަސަރު އަހަރުތަކަކަށް ދެމިގެން ހިނގައިދާނެ ކަމަށް ދިރާސާއިން ވަނީ ހާމަވެފައެވެ.

ހިމަބިހި އަކީ މީސަލްސް ވައިރަސްގެ ސަބަބުން ޖެހޭ ގައިން ގަޔަށް އަރާ ބައްޔެކެވެ. މި ބަލި ފެތުރެނީ ނޭވާލުމުގެ ޒަރީއާއިން ކެއްސާ، ކިނބިހި އެޅުމުގެ ތެރޭގައި މި ބަލި ޖައްސާ ވައިރަސް، ސަލާމަތުން ހުރި މީހެއްގެ ހަށިގަނޑަށް ވާސިލުވުމުންނެވެ. ހިމަބިހި ޖެހުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ހުންއައުން، ނޭފަތުން އަރިދަފުސް އަދި ފެން ފޭބުން، ލޮލު ރޯގާ ޖެހުން އަދި އަނގައިގެ ތެރޭގައި ރަތްކުލައަކަށް ހުންނަ ތިކިތަކެއް ނުވަތަ ފޮޅުތަކެއް ފާޅުވުން ފަދަ ކަންތައްތައް ހިމެނެއެވެ.

މި ބަލިން ރައްކާތެރިވުމަށް ވެކްސިން ޖެހުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ދިރާސާ ކުރި ފަރާތުން ވަނީ ބުނެފައެވެ.