ސްޓްރެސް މެނޭޖް ކުރަން އެނގޭތަ؟
މިހާރު އީދު ޗުއްޓީވެސް ނިމުނީއެވެ. އަނެއްކާވެސް ބިޒީ ދިރިއުޅުމަށް އެންބުރި ރުޖޫއަވާން ޖެހުނީއެވެ. ސްކޫލުތަކާއި ކޮލެޖްތައް ހުޅުވުނީއެވެ. މިއާއި އެކު ހަމަ ޔަގީނުންވެސް މަސައްކަތުގެ މާހައުލުންނާއި ގޭތެރޭގެ މާހައުލުން ނުކުންނަ މައްސަލަތަކާއި އެކު ހާސްކަމާއި ކަންބޮޑުވުންތަކާއި ކުރިމަތިލާން ޖެހޭނެއެވެ. ރަނގަޅުގޮތުގައި މި ސްޓްރެސްތައް މެނޭޖް ކުރަން އެނގެންޖެހޭނެއެވެ.
ސްޓްރެސް މެނޭޖް ނުކޮއް އެއީ ނެތް އެއްޗެއްކަމަށް ބަލައިގެން މައްސަލަތަކާއި ކުރިމަތިނުލާ އުޅެން ވެއްޖެނަމަ ފަހުންއޭގެ ނޭދެވޭ އަސަރު ކޮއްފާނެއެވެ. ދިރާސާ ތަކުން ދައްކާގޮތުން ސްޓްރެސްގެ ސަބަބުން ބޮލުގައި ރިއްސުމާއި، ލޭ މައްޗަށް ދިއުމާއި، ބަނޑުގެ މައްސަލަތަކާއި، ހަނދާން ނެތުމާއި، ނިދީގެ މައްސަލަތައް ޖެހުމާއި، އަދި ހިތުގެ މައްސަލަތައް ޖެހުމަށް މަގުފަހިވެއެވެ.
ސްޓްރެސްވުމުން ނަފްސާނީ މައްސަލަތައް ދިމާވުމުގެ އިތުރުން ދިފާއީ ނިޒާމަށްވެސް އޭގެ އަސަރު ކުރެއެވެ. އަދި ކުރާކަމަކަށް ދޭންޖެހޭވަރަށް ސަމާލުކަންނުދެވި، މަސައްކަތްތެރިކަން ދައްވެގެންދެއެވެ. ހަށިގަނޑުގެ މަސްތައް ޓެންސްވުމާއި، ނޭވާ ކުރުވުމާއި، ވިންދު އަވަސްވުމަކީ މާ ބޮޑަށް ސްޓްރެސް ވުމުގެ އަލާމާތް ތަކެވެ.
ސްޓްރެސް ވުމުން ކުރަން ހުންނަ ހުރިހާ ކަމެއްގެ މަތިން އަބަދު ވިސްނި ހުރިހާ ކަމެއް އެއްފަހަރާ ކުރަން އުޅެވޭތަން އާދެއެވެ. ނުވަތަ އަނެއްބައި މީހުން ހުރިހާ ކަމެއް ބަހައްޓާފައި އެއްވެސް ކަމެއް ނުކޮއް އެކަހެރި ވާތަންވެސް ފެނެއެވެ. މިހެން ވާނަމަ ކުޑަ ކަމަކުން ފަށާށެވެ. ކުރަން ހުރި ހުރިހާ ކަމެއް ލިސްޓްކޮއް، އެންމެ ކުޑަ ކަމުން ފަށާށެވެ. މިސާލަކަށް ގޭތެރެ ސާފުކުރުން ނުވަތަ ތަށިތައް ދޮވުންވެސް ރަނގަޅުވާނެއެވެ. ސާފު ކުރުމަކީ ސްޓްރެސް ރިލީވް ވާ ކަމެއްކަން ދިރާސާ ތަކުން ވަނީ ދައްކާފައެވެ. އަދި ރަނގަޅަށް އަމިއްލަ މީހާ ސާފު ތާހިރުވެލާށެވެ. އަރާމުކޮއް ފެންވަރާލުމުންވެސް ހާސްކަން ފިލާދެއެވެ. އަދި ހިތްހަމަޖެހުން ލިބެއެވެ.
ކަންބޮޑުވުންތަކާއި ހެދި ނުނިދޭ ތަން ވެސް އާދެއެވެ. ޕްރޮގްރެސިވް މަސަލް ރިލެކްޒޭށަންގެ ވާހަކަ އަޑުއެހިން ހެއްޔެވެ؟ މިއީ އުއްޑުން އޮވެގެން ހަދާ ކުޑަ ކަސްރަތެކެވެ. ގައިގެ ހުރިހާ މަސްތަކަކަށް ބާރުލައިގެން ވާގި ހިފަހައްޓާލައިގެން އިރު ކޮޅެއްވަންދެން އޮންނާށެވެ. އަދި މަޑު މަޑުން ބޮލުން ފެށިގެން ތިރިއަށް ވާގި ދޫކުރަމުން ދާށެވެ. މި ގޮތަށް ދެތިން ފަހަރު ހަދާލާށެވެ. އޭރުން ހަށިގަނޑު ރިލެކެސް ވާނެއެވެ. އަދި ނިދަން ފަސޭހަ ވާނެއެވެ.
ބޭރަށް ނުކުމެ ބޯ ހަމަ ޖައްސާލުމަކީވެސް މުހިއްމު ކަމެކެވެ. ނުވަތަ ގޭގައި އިނދެގެން މެޑިޓޭޓް ކުރުންވެސް ރަނގަޅުވާނެއެވެ. ޔޯގާ ކަމުނުދާހެން ހީވާނަމަ ދުވަން ދާށެވެ. ކަސްރަތު ކުރުމުން ހާސްކަން ފިލާދެއެވެ. އަދި ހިތްހަމަ ޖެހުމުގެ އިހްސާސްތައް ކުރެވޭނެއެވެ. ވާނަމަ ފޯނުވެސް ގޭގައި ބާއްވާފައި ނުކުންނާށެވެ. ފޯނުން ލިބޭ ސްޓްރެސްތައްވެސް އޭރުން މަދުވެގެންދާނެއެވެ.
އަމިއްލައަށް މީރު އެއްޗެއްގަނެގެން ކަލާށެވެ. ނަމަވެސް ހާސްވާ ކޮންމެފަހަރު އަނެއްކާ ކެއުމަށް އާދަ ނުކުރާށެވެ. އެއީ އޭގެ ޒާތުގައި އަނެއްކާއެހެން މައްސަލައެކެވެ. ޗޮކުލެޓަކީ މިހެން ކެއުމަށް ރަނގަޅު އެއްޗެކެވެ. ޗޮކުލެޓުގައި ހިމެނޭ ބައެއް ބާވަތްތަކުން ލޭ ހޮޅިތައް ރިލެކްސް ކޮއްދެއެވެ. މީގެ ސަބަބުން ލޭގެ ޕްރެޝަރު ތިރި ކޮއްދެއެވެ.
މިއީ ސްޓްރެސް މަދު ކުރުމަށް ނުވަތަ މެނޭޖް ކުރުމަށް ކުރެވިދާނެ ކަންކަމެވެ. މާބޮޑަށް ހާސްވެ ކަންކަމާއި ކުރިމަތިލާން ފަސްޖެހި ނޭވާލާން އުނދަގޫވާނަމަ ކަމުގެ ތަޖުރިބާހުރި މީހުންނާއި ވާހަކަ ދައްކަން ހަނދާން ބަހައްޓާށެވެ.