ލޭ މައްޗަށް ދިޔުން ހައްލުކުރުމަށް ކުރެވިދާނެ ބައެއް ކަންތައްތައް
ބްލަަޑް ޕްރެޝަރު ނުވަތަ ލޭ މައްޗަށް ދިޔުމުގެ މައްސަލަ ހުންނަ މީހުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ، ލޭ މައްޗަށް ދިޔުން ކޮންޓްރޯލް ކުރުމަށް ބޭސް ބޭނުން ކުރަން ޖެހުމެވެ.
ލޭ މައްޗަށް ދިޔުމަކީ އާއިލީ ގޮތުންވެސް ވާރުތަކުރާ ކަމެކެވެ. އޭގެ އިތުރުން ދިރިއުޅުމުގެ ކަންކަން ބިނާވެފައި އޮންނަ ގޮތަކީވެސް ލޭ މަތިވުމަށް މެދުވެރިވާ ސަބަބެކެވެ. އެހެންކަމުން ދިރިއުޅުމުގެ ވައްޓަފާޅިއަށް ހެޔޮ ބަދަލުތަކެއް ގެނެސްގެން، ލޭ މަތިވުމުގެ މައްސަލައަށް ހައްލެއް ހޯދިދާނެއެވެ.
ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި ލޭ މަތިވުމުގެ މައްސަލައަށް ހައްލު ހޯދުމަށް އެންމެ ރަނގަޅު ގޮތަކީ ދިރިއުޅުމުގެ ވައްޓަފާޅިތަކަށް ބަދަލު ގެނައުމެވެ. ނަމަވެސް ޑޮކްޓަރުން ލަފާދީފި ނަމަ ބޭސް ބޭނުން ކުރަން ޖެހޭނެއެވެ.
މީހާ ފަލަވުމާއި ބަރުދަން އިތުރުވުމަކީވެސް ލޭ މަތިވުމަށް މެދުވެރިވާ ސަބަބެކެވެ. އެހެންކަމުން އިސްކޮޅާއި އުމުރާއި ގުޅޭ މިންވަރަށް ބަރުދަން ލުއިކުރުމަކީ ލޭ މަތިވުމުގެ މައްސަލައަށް ހައްލު ހޯދުމަށް ކުރެވިދާނެ ކަމެކެވެ.
ގަވާއިދުން ކަސްރަތުކުރުމަކީ ގިނަ ބަލިތަކަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަމެކެވެ. އެގޮތުން ގަވާއިދުން ދުވާލަކު މަދުވެގެން 30 މިނެޓު ކަސްރަތު ކުރުމަކީ ލޭ މަތިވުމުން ދުރުކޮށްދޭ ކަމެކެވެ. ލޭ މަތިވުމުގެ މައްސަލަ ހުންނަ މީހުން ދެން އެންމެ ބޮޑު ސަމާލު ކަމެއް ދޭން ޖެހޭނީ އެމީހެއްގެ ކެއިންބުއިމުގެ އާދަތަކަށް ހެޔޮ ބަދަލެއް ގެނެސް ހަށިގަނޑަށް ފައިދާހުރި ކާނާ އާއި މޭވާ އާއި ތަރުކާރީ ކެއުން އިތުރުކުރުމަށެވެ. އަދި ލޮނުގެ ބާވަތްތައް އެކުލެވޭ ކެއުމާއި ދުރުވާން ޖެހެއެވެ.