މުރަނގަ ފަތުން ކުރާ ފައިދާތައް

މުރަނގަ ގަހަކީ ރާއްޖޭގެ ކޮންމެ ރަށަކުންވެސް ފެންނާނެ ގަހެކެވެ. އަދި މުރަނގަ ތޮޅިއަކީ އެކި ގޮތްގޮތަށް ހަދައިގެން، ކެއުމުގައި މީހުން ބޭނުންކުރާ އެއްޗެކެވެ. މުރަނގަފަތަކީ ވެސް އެކި ގޮތްގޮތަށް ބޭނުންކުރެވޭ އެއްޗެކެވެ. ބިސްގަނޑަށް އަޅައިގެންނާއި، ތެލުލިފަތުގެ ގޮތުގައާއި، މަސްފަތްވެސް ކައި އުޅެއެވެ.

މީހުންނަށް ލިބިފައިވާ ބައެއް ޒަހަމްތަކަށް ފަރުވާ ކުރުމުގައި، ކުރީގެ ބޭސްވެރިން ވަނީ މުރަނގަފަތް ބޭނުންކޮށްފައެވެ. މުރަނގަފަތުގައި އެންޓިފަންގަލް، އެންޓިވިރަލް، އެންޓި-ޑިޕްރެސެންޓް އަދި ދުޅަ ތިރި ކޮށްދޭ ކަހަލަ ބާރުތައް އެކުލެވިގެންވާ ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. ނަމަވެސް މިހާރު މުރަނގަ ފަތް، ސައިގެ ގޮތުގައި ހަދައިގެން ބޭނުން ކުރަނީ ބަރުދަން ލުއި ކުރުމަށާއި ހަކުރުބަލި ހުންނަ މީހުންގެ ހަކުރު ތިރި ކުރުމަށެވެ.

މުރަނގަ ފަތުން ކުރާ ސިއްހީ ފައިދާތައް:

- ޖަރާސީމުން ޖެހޭ ބަލިތަކުން ފަސޭހަވުން: މުރަނގަފަތު ދިޔަ ބޭނުން ކުރުމުން ސަލްމޮނެއްލާ، އީ-ކޮލައި ފަދަ ޖަރާސީމުތަކުން ޖެހޭ ބަލިތަކުން ފަސޭހަކޮށްދެއެވެ.

-  ހަކުރުބަލި ކޮންޓްރޯލު ކުރުން: ލޭގައި ގްލުކޯޒް ހުންނަ މިންވަރު ދައްކޮށްދިނުމުގެ އިތުރުން، ކުޑަކަމުދާ ތަކެތީގައި ހުންނަ ހަކުރާއި ޕްރޮޓީން މަދުކޮށްދޭނެއެވެ. އޭގެ ސަބަބުން ހަށިގަނޑުގައި ހިމަގޮލޮބިން ހުންނަވަރު ރަނގަޅުވެގެންދާނެއެވެ.

- ނޭވާލުމަށް ފަސޭހަވުން: ނޭވާހިއްލާ ބަލި ހުންނަ މީހުންނަށް މުރަނގަފަތް ބޭނުން ކުރުމުން ފުއްޕާމޭގެ ސިއްހަތު ރަނގަޅުވެ ނޭވާލާން ފަސޭހަ ވާނެއެވެ.

- ލޭ މައްޗައްދިޔުން ތިރިކުރުން: ލޭ ހޮޅިތައް ފަލަވެ ބެދުމުން ދުރުކޮށް ދޭނެއެވެ.

- ބަރުދަން ލުއި ކުރުން: ސިންތިއާ ޓްރެއިނާ ލިޔެފައިވާ "ހައު ޓު ލޫސް ބެކް ވެއިޓް" ފޮތުގައި ވާގޮތުން މުރަނގަފަތް ސައި ބުއިމުން، ހަށިގަނޑުގައި ސަރުބީ އުފެދުމުގެ ބަދަލުގައި ހަކަތަ އުފައްދައިދޭނެއެވެ.

ގޭގައި މުރަނގަ ފަތް ސައި ހަދާނެ ގޮތް

ތާޒާ މުރަނގަފަތް އަވިން ހިއްކާށެވެ. އެއްކޮށް މުރަނު ވުމުން އަތުން ފުނޑުވާލާށެވެ. އަތުން ފުނޑުވުމުން މާ ބޮޑެތި އެތިކޮޅު ހުންނާތި ހިތްހަމަނެޖޭނަމަ މިކްސަރުން ހިކި ކޮށް މުގުރާލާށެވެ. މި ޕައުޑަރ އިން ސައި ގިރައިގެން ބޯނީއެވެ. ނުވަތަ ފަތް ކައްކައިގެންވެސް ހަމަ ސައި ހެދިދާނެއެވެ.