ބަރުދަން ލުއިކުރަން މަސައްކަތް ކުރާ މީހުންނަށް ހެދޭ ބައެއް ގޯސްތައް

ގިނަ މީހުންނަށް އެނގޭނޭ ފަދައިން، ބަރުދަން ލުއިކުރަން ބޭނުންނަމަ ކެލޮރީ މަދު ކާނާ ކެއުމާއި ގަވާއިދުން ކޮންމެ ދުވަހަކު ކަސްރަތު ކުރަންޖެހެއެވެ. ނަމަވެސް ބަރުދަން ލުއިކުރުމަށް މަސައްކަތްކުރާއިރު، ކުރެވޭ ބައެއް ކަންކަމުގެ ސަބަބުން ބަރުދަން ލުއިކުރަން ކުރާ މަސައްކަތަށް ހުރަސްއެޅެއެވެ. ނަތީޖާއެއްގެ ގޮތުން ބަރުދަން ލުއިވުމުގެ ބަދަލުގައި، އިތުރަށް ބަރުވުމަކީވެސް އެކަށީގެންވާ ކަމެކެވެ.

ލޭބަލް ނުކިޔުން

ޕެކެޓްގައި ބަންދުކުރެވިފައި ހުންނަ ކާނާ ވިއްކާއިރު އެއީ ސިއްހަތަށް ފައިދާހުރި އެއްޗެއް ކަމަށް ބުނެ އިސްތިހާރުކޮށް ވިއްކާ އުޅެއެވެ. ނަމަވެސް ޕެކެޓްގެ ނިއުޓްރިޝަން ލޭބަލް ކިޔާލުމުން، އެ ޕެކެޓްގައި ހިމެނޭ ކާނާގައި އެކުލެވޭ މާއްދާތަކުގެ ތަފުސީލު އެނގިގެންދެއެވެ.

މިސާލަކަށް ޕެކެޓްގެ ބޭރުގައި ޝުގާ ފްރީ ލޭބަލްކޮށްފައި ހުރެދާނެއެވެ. ނަމަވެސް ނިއުޓްރިޝަން ލޭބަލް ކިޔާލާއިރު، އޭގައި ފްރުކްޓޮސް، ގުލްކޯސް، ޑެކްސްޓޯސް ފަދަ ނަންނަމުގައި ހަކުރު ހިމެނިގެން ގޮސްފައި ހުރެއެވެ. އެހެންކަމުން ޕެކެޓްގައިވާ ނިއުޓްރިޝަން ލޭބަލް ކިޔާލުމަކީ މުހިންމު ކަމެކެވެ.

މާ އަވަސް އަވަހަށް ބަރުދަން ބެލުން

ކޮންމެ ދުވަހަކު ބަރުދަން ބަލާނަމަ، ބޭނުންވާ ގޮތަށް ބަރުދަނަށް ބަދަލު ނައުމުން ހިތްވަރު އެލޭ ގޮތްވެއެވެ. ހަނދާނުގައި ބަހައްޓަންވީ ކަމަކީ، ބަރުދަން ލުއިކުރުމަށް ވަގުތު ބޭނުންވާނެ ކަމެވެ. ކޮންމެ ދުވަހަކު ބަރުދަން ބަލާއިރު، ބަރުދަން އިތުރުވެފައި އަދި ލުއިވެލާފައި ހުރުމަކީ އެކަށީގެންވާ ކަމެކެވެ. މިހެން ދިމާވުމަށް މެދުވެރިވާ ގިނަ ސަބަބުތަކެއް ހުރެއެވެ.

ގަޑިން ގަޑިއަށް ނުކެއުން

ހެނދުނު ސައި ނުވަތަ ރޭގަނޑުގެ ކެއުން ނުކެއުމުން ހިކޭނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ. ނަމަވެސް މިގޮތަށް ކަންތައް ކުރުމުން މެޓަބޮލިޒަމް ދަށްވެ، ބަނޑުހައިވުމުން ތައްޔާރީ ޕެކެޓް ކާނާ ކެއުމަށް މަޖުބޫރުވެއެވެ.

ސިއްހަތަށް ފައިދާހުރި ނާސްތާއެއް ހެނދުނު ކާނަމަ، ހަށިގަނޑަށް ބޭނުންވާ ހަކަތަ ލިބެއެވެ. އަދި މެންދުރު އަދި ރޭގަނޑު އިތުރަށް ކެއުމުގެ ފުރުސަތު ކުޑަވެއެވެ.

ބޭނުންވާ ވަރަށް ނިދި ނުލިބުން

ބޭނުންވާ ވަރަށް ނިދި ނުލިބޭނަމަ، ބަނޑުހައި ހޫނުކަން އިތުރުވެ ކާހިތްވެއެވެ. އަދި މި ގޮތަށް ބަނޑުހައިވުމުން ކެއުން ކޮންޓްރޯލް ކުރަން އުނދަގޫވެއެވެ. ބަރުދަން ލުއިކުރަން ބޭނުން ނަމަ ގަވާއިދުން ކޮންމެ ރެއަކު، ހަތް ގަޑިއިރާއި ނުވަ ގަޑިއިރާ ދެމެދުގެ އަދަދަކަށް ނިދި ލިބޭތޯ މަސައްކަތް ކުރަން ވާނެއެވެ.

ހަށިގަނޑަށް ބޭނުންވާ ވަރަށް ފައިބާ ނުލިބުން

 ބަރުދަން ލުއިކުރަން ބޭނުންނަމަ، ފައިބާ ގިނައިން ހުންނަ ކާނާ ކެއުމަކީ ވަރަށް މުހިންމު ކަމެކެވެ. ފައިބާ ހުންނަ ކާނާ ކެއުމުން، ބަނޑުހައި ނުވެ ގިނަ ވަގުތަށް ހުރެއެވެ. ފައިބާ އިން ބޭކާރު ސަރުބީ ނައްތާލަން މަސައްކަތް ކޮށްދެއެވެ. އަދި ލޭގައި ހަކުރު ހުންނަ މިންވަރު ރަނގަޅު މިންވަރެއްގައި ހިފަހައްޓައި ދިނުމުގެ ސަބަބުން، ސަރުބީ ޖެހުމުގެ ފުރުސަތު ކުޑަކޮށްދެއެވެ.

މާ އަވަހަށް ބަރުދަން ލުއިކުރަން އުޅުން

ގިނަ މީހުން ބޭނުންވަނީ ވަރަށް އަވަހަށް ބަރުދަން ލުއިކޮށްލުމަށެވެ. ނަމަވެސް ބަރުދަން ލުއިކުރުމަކީ ވަރަށް ވަގުތު ނަގާ ކަމެކެވެ. ބަރުދަން މާ އަވަހަށް ލުއިކުރަން މަސައްކަތްކޮށް ލުއި ނުވުމުން މީހާ މާޔޫސްވާ ގޮތް ދިމާވެއެވެ. ބަރުދަން ލުއިކުރުމަށް އެކަށީގެންވާ ވަގުތު ދިނުމަކީ މުހިންމު ކަމެކެވެ.

ސިއްހަތަށް ފައިދާހުރި ކާނާ  މާގިނައިން ކެއުން

ސިއްހަތަށް ފައިދާހުރި ކާނާ ކެއުމަކީ މުހިންމު ކަމެކެވެ. ނަމަވެސް ސިއްހަތަށް ފައިދާހުރި ކާނާވެސް ކާއިރު، މާ ގިނައިން ކާ ކަމުގައިވާނަމަ ބަރުދަން އިތުރުވުމަށް މަގުފަހިވެއެވެ.