ގޭގައި ބޭނުންކުރާ ބީޕީ މެޝިނުން ލިބެނީ އެންމެ ރަނގަޅު ނަތީޖާތަ؟

ލޭ މައްޗަށް ދިއުމަކީ، އެންމެ އާންމު އެއް ސިއްހީ މައްސަލައެވެ. އިންޑިއާގެ ކާޑިއޮލޮޖިކަލް ސޮސައިޓީ އިން 2018 ވަނަ އަހަރު ކުރި ދިރާސާއަކުން ދައްކާ ގޮތުން، އެގައުމުގެ އުމުރުން 18 އަހަރުން މަތީގެ ކޮންމެ ފަސް މީހަކުން އެކަކީ ލޭ މައްޗަށް ދިއުމުގެ ބަލި ހުންނަ މީހެކެވެ.

ގޭގައި ހުރެގެންވެސް، ފަސޭހަކަމާއެކު ލޭގެ ޕްރެޝަރު ބަލައިލެވޭ މެޝިން މިހާރު ލިބެން ހުރެއެވެ. ސުވާލަކީ މިފަދަ ޑިވައިސްތަކުން ލިބޭ ނަތީޖާއަކީ ހަމަ އެންމެ ރަނގަޅު ނަތީޖާތޯ އުފެދޭ ސުވާލެއެވެ.

އިންޑިއާގެ އިންދްރަޕްރަސްތާ އެޕޯލޯ ހޮސްޕިޓަލްގައި މަސައްކަތް ކުރައްވާ، އެތެރެ ހަށީގެ ޑޮކްޓަރު ތަރުން ޝަހްނި އާ ހަވާލާދީ ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުން މިހާރު ބާޒާރުގައި ލިބެން ހުރި ގިނަ ބީޕީ މެޝިންތަކަކީ ވަރަށް ކޮލިޓީ ރަނގަޅު މެޝިންތަކެކެވެ. ނަމަވެސް މެޝިން ބޭނުންކުރަންޖެހޭ އެންމެ ރަނގަޅު ގޮތް ގިނަ މީހުންނަށް ނޭނގޭ ކަމަށް ވިދާޅުވެ ޑޮކްޓަރު ތަރުން ވިދާޅުވީ އޭގެ ނަތީޖާއެއްގެ ގޮތުން ބީޕީ މެޝިނުން ރަނގަޅު ނޫން ރީޑިން ދައްކާ ކަމަށެވެ.

ޑޮކްޓަރު ވިދާޅުވި ގޮތުގައި ބީޕީ ބަލާއިރު، ސަމާލުކަން ދޭންޖެހޭ ކަންތައްތަކެއް ހުރެއެވެ. ބެލްޓް އަތުގައި އޮޅުމުގައިވެސް ސަމާލުކަން ދޭންޖެހޭ ކަންކަން ހުރެއެވެ.

އިންޑިއާގެ މެކްސް ހޮސްޕިޓަލްގައި މަސައްކަތްކުރާ އެތެރެ ހަށީގެ ޑޮކްޓަރު ރޮމިލް ތިކު އިރުޝާދު ދެއްވަނީ ގޭގައި ބޭނުންކުރާ ބީޕީ މެޝިންގެ ނަތީޖާއަށް މުޅިން ބަރޯސާ ނުވުމަށެވެ. ނަމަވެސް ބީޕީ މެޝިނުން ދެއްކި ނަތީޖާ ވަރަށް މަތީގައި ހުރި ނަމަ ވީހާވެސް އަވަހަށް ޑޮކްޓަރަށް ދެއްކުމަށް އޭނާ ވަނީ އެދިފައެވެ.

ބީޕީ ޗެކްކުރުމުގެ ކުރިން ސަމާލުކަންދޭން ޖެހޭ ކަންކަން ހުރެއެވެ. އެގޮތުން ބީޕީ ޗެކްކުރުމުގެ 30 މިނެޓް ކުރިން، ކެފެއިން އެކުލެވޭ އެއްޗެއް ބޭނުން ނުކުރުން މުހިންމެވެ. ހިނގުން، ސިޑިންއެރުން ފަދަ ހަރަކާތަކަށްފަހު ވަގުތުން ބީޕީ ޗެކްކުރާނަމަ، ބީޕީގެ ނަތީޖާއަސް ބަދަލުތަކެއް އަންނާނެއެވެ. އެހެންކަމުން ބީޕީ ޗެކްކުރުމުގެ މަދުވެގެން 10 މިނެޓް ކުރިން ތަނެއްގައި ހަމަޖެހިލައިގެން އިށީނދެލައިގެން އިންނާށެވެ.