ބަރުދަން ލުއިކުރަން ބޭނުންކުރާ ބޭހުން ގެއްލުން ލިބޭ

ފަސޭހައިން އަދި އަވަހަށް ބަރުދަން ލުއިކޮށްލެވޭ ކަމަށް، ދަނީ ބޭސް އިސްތިހާރުކޮށް ވިއްކަމުންނެވެ. ބަރުދަން ލުއި ކުރަން މިފަދަ ބޭސް ބޭނުންކުރާ މީހުން މަދެއް ނޫނެވެ. ނަމަވެސް މިފަދަ ބޭސްތައް ބޭނުންކުރުމަކީ ސިއްހީ ގޮތުން ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމެކެވެ.

މިފަދަ ބައެއް ބޭހުން، އެ ބޭސް ބޭނުންކުރާ މީހުންނަށް ސިއްހީ މައްސަލަތައް ކުރިމަތިވާކަން ފާހަގަކުރެވި، ބައެއް ގައުމުތަކުގެ ސިއްހީ ވުޒާރާތަކުން ބައެއް ބޭސް އެގައުމުތަކުގައި ވިއްކުން މަނާކޮށްފައިވެސްވެއެވެ.

ބޭހުން ލިބޭ ބައެއް ގެއްލުންތައް، ބޭސް ބޭނުންކުރަން ފަށާތާ ގާތްގަނޑަކަށް ހަފުތާއެއްގެ ތެރޭގައިވެސް ފެނިދާނެއެވެ. ހަށިގަނޑުގެ އެތެރޭގެ ގުނަވަންތަކަށް ލިބޭ ގެއްލުންތައް ފެންނަނީ ދުވަސްތަކެއް ފަހުންނެވެ. އެހެންކަމުން މިއީ ސަމާލުކަން ކުޑަކޮށްލެވޭ ވަރަށް ވުރެ ސީރިއަސް ކަމެކެވެ.

ބަރުދަން ލުއިކުރުމަށް ބޭނުންކުރާ ބައެއް ބޭސް ބޭނުން ކުރުމުން، ބޭރަށް ހިންގުމަށް މަގުފަހިވެއެވެ. ބޮޑުކަމުދާއިރު ލޭ އައުމަކީވެސްވުން އެކަށީގެންވާ ކަމެކެވެ. މިއީ މިފަދަ ބޭސް ބޭނުންކުރަން ފަށާތާ ހަފުތާއެއްގެ ތެރޭގައި ފެނިދާނެ އަލާމާތްތަކެކެވެ.

މިފަދަ ބައެއް ބޭސް ބޭނުންކުރާ މީހުން، ލޭ މައްޗަށްދާކަން ވަނީ ދިރާސާތަކުން ދައްކާފައެވެ. ބޮލުގައި ރިހުމާއި ހޮޑުލެވުން ފަދަ ކަންކަމަކީވެސް މެދުވެރިވެދާނެ ކަމެކެވެ.

ދިރާސާތަކުން ދައްކާ ގޮތުން، މިފަދަ ބޭސްތައް ބޭނުންކުރުމުން ހަށިގަނޑުގެ ގުނަވަންތަކަށް ގެއްލުން ލިބެއެވެ. އެގޮތުން ފުރަމޭ (ލިވާ) ހަލާކުވުމުގެ މައްސަލަ ދިމާވާކަން ވަނީ ފާހަގަ ކުރެވިފައެވެ. އޭގެ އިތުރުން ކިޑްނީގެ މައްސަލަތަކާއި ކިޑްނީ ފެއިލްވުމުގެ މައްސަލަ ދިމާވުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް ދިރާސާތަކުން ދައްކައެވެ.

ބަރުދަން ލުއިކުރުމަށް އެންމެ ރަނގަޅީ ރަނގަޅު ޑައިޓަކާއެކު ކަސްރަތު ކުރުމެވެ.