ރޭގަނޑު ނިދަން އުނދަގޫވާނަމަ ކުރެވިދާނެ ބައެއް ކަންކަން

ކިތަންމެ މަސައްކަތެއް ކުރިކަމުގައި ވީނަމަވެސް ރޭގަނޑު ހަމަނިދި ލިބުމަކީ ބައެއް ފަހަރު ވަރަށް އުނދަގޫ ކަމެކެވެ. ބައެއް ފަހަރު ދަންވަރު ދޭއް ޖަހާއިރުވެސް ލޮލަށް ނިދި ނައިސްގެން އުޅެން ޖެހެއެވެ. ނިދާފައި އޮއްވާ އިރުއިރުކޮޅާ ހޭލެވުމަކީވެސް އާންމު ކަމެކެވެ.

މިއީ ރޭގަނޑު، ފުރިހަމަ ނިންޖެއް ހޯދުމަށްޓަކައި ކުރެވިދާނެ ބައެއް ކަންކަމެވެ.

ނިދަން ކައިރިކޮށް، ކެފޭން ހުންނަ ބުއިންތަކާއި ދުރުވުން

ކެފޭންއަކީ، ހަށިގަނޑުގެ ތެރޭގައި އޭގެ އަސަރު ވަރަށް ގިނައިރުތަކެއް ވަންދެން ހުންނަ އެއްޗެކެވެ. ހެނދުނު ކޮފީ ތަށްޓެއް ބޮއެފިނަމަ ގާތްގަނޑަކަށް ހަ ގަޑިއިރުގެ ތެރޭގައި، ހަށިގަނޑުން ބޭރުވަނީ އެ ކޮފީ ތަށިން ހަށިގަނޑަށް އެތެރެވި ކެފޭންގެ ގާތްގަނޑަކަށް ދެބައި ކުޅަ އެއްބައެވެ. ނިދަން ކައިރިކޮށް ކޮފީ ބޯނަމަ، ނިދުމަށް އޭގެން ހުރަސް އަޅައެވެ.

ކުޑަދޮރެއް ހުޅުވާލުން

ދުވާލު ގަޑީގައި ކޮޓަރިއަށް ވައި ވަންނަހެން ކުޑަ ދޮރެއް ހުޅުވާލާފައި ބަހައްޓާލާށެވެ. ކޮޓަރީގައި އުފެދިފައި ހުންނަ ކާބޮންޑައިއޮކްސައިޑް، މިކަމުގެ ސަބަބުން މަދުކޮށްދޭނެއެވެ. މިކަމުގެ ކޮޓަރީގެ ވައި ސާފުކޮށްދޭއިރު، ރޭގަނޑު އަރާމު ނިންޖަކަށް މަގުފަހިކޮށްދެއެވެ.

ރޭގަނޑު ކަސްރަތު ނުކުރުން

ރޭގަނޑު ކަސްރަތު ކުރުމަކީ، އެކަމުގެ ސަބަބުން ރޭގަނޑުގެ ނިންޖަށް ނޭދެވޭ އަސަރުތަކެއް ކުރާ ކަމެކެވެ. ކަސްރަތު ކުރުން އެންމެ ރަނގަޅީ ހެނދުނެވެ.

ބަދަން ކެއުން

ބަދަން ކެއުމުން ލިބެނީ ހަމައެކަނި ސިއްހީ ފައިދާ އެކަންޏެއް ނޫނެވެ. ބަދަނުގެ ބާވަތްތަކުގައި ހިމެނޭ މާއްދާތަކުގެ ސަބަބުން ރޭގަނޑު ހަމަ ނިދި ލިބުމަށް އެހީތެރިވެދެއެވެ.

ފޮތް ކިޔުން

ފޯނު ނުވަތަ ޓެބްލެޓް ފަދަ އެއްޗެހި ބޭނުންކޮށްގެން އީ-ފޮތް ކިޔުމުގެ ބަދަލުގައި ޕްރިންޓްކޮށްފައިވާ ފޮތެއް ކިޔާލާށެވެ. ޕްރިންޓްކޮށްފައިވާ ފޮތް ކިޔުމަކީ ވަރަށް ގިނަ މީހުންނަށް ނިދުމަށް އެހީވެދޭ ކަމެކެވެ.

އެހާ ލަސްކޮށްފައި ނުކެއުން

ނިދާ ގަޑީގެ މަދުވެގެން ދެ ގަޑިއިރު ކުރިން، ކެއުން ހުއްޓާލާށެވެ. ކޭ ތަކެތި ހަޖަމު ކުރުމަށް ވަގުތު ނުދީ ނިދަން އޮށޯންނަނަމަ ހަށިގަނޑަށް އުނދަގޫތަކެއް ކުރިމަތިވާނެއެވެ.

ދުވާލު ގިނައިރު ނުނިދުން

ދުވާލު ގަޑީގައި ނިދަން ބޭނުންނަމަ 30 މިނެޓަށްވުރެ ގިނައިރު ނުނިދާށެވެ. 30 މިނެޓަށްވުރެ ގިނައިރު ނިދާކަމުގައިވާނަމަ ރޭގަނޑުގެ ނިދި ހަލާކުވެދާނެއެވެ.

ސްލީޕް މާސްކެއް ބޭނުން ކުރުން

ރޭގަނޑު ކޮޓަރީގެ ބޮކިތައް ނިއްވާލުމުންވެސް، ބައެއް ފަހަރު ކުޑަދޮރުން ނުވަތަ ވައިގޮޅިން ކޮޓަރިއަށް ކޮންމެވެސް ވަރަކަށް އަލިވެއެވެ. މިގޮތަށް ކޮޓަރީގައި އަލިކަމެއް ހުންނަނަމަ، ބައެއް މީހުންނަށް ނިދަން އުނދަގޫވެއެވެ. މިކަން ހައްލު ކުރުމަށް ސްލީޕް މާސްކެއް ބޭނުންކޮށްލެވިދާނެއެވެ.