ކިއުކަންބާ

ކިއުކަންބާއިން ހައިރާން ކުރަނިވި ސިއްހީ ފައިދާތަކެއް

ކިއުކަންބާއަކީ ރާއްޖޭގައިވެސް ވަރަށް އާންމު ތަރުކާރީއެކެވެ. މިތަރުކާރީގައި ހުންނަ ކެލޮރީގެ އަދަދު މަދުވެފައި، މީގައި ރަނގަޅު މިންވަރަކަށް ފެން އެކުލެވިފައިވުމުން ހަށިގަނޑު ހައިޑްރޭޓް ކޮށްދިނުމުގެ އިތުރުން ބަރުދަން ލުއިކުރުމަށް ވެސް އެހީތެރިވެދެއެވެ. ހަމަހެންމެ މީގައި އެކުލެވިފައިވާ ޕޮލީފެނޮލް އާއި އެހެނިހެން ބާވަތްތަކުގެ ސަބަބުން އާންމު ބަލިތަކާއި ދުރުކޮށްދެއެވެ.

މިއީ ކިއުކަންބާއިން ލިބޭ ބައެއް ސިއްހީ ފައިދާތަކެވެ.

ސިކުނޑި ރައްކާތެރިކޮށްދިނުން

ކިއުކަންބާގައި، ފިސެޓިން އެކުލެވިގެންވެއެވެ. މިއީ ސިކުނޑީގެ ދުޅަހެޔޮކަމަށް މުހިންމު ދައުރެއް އަދާކުރާ މާއްދާއެކެވެ. ހަނދާން ހުންނަ މިންވަރު ގަދަކޮށްދޭން މި މާއްދާ އެހީވެދެއެވެ. އަދި އުމުރުން ދުވަސްވުމުން ސިކުނޑިއަށް ކުރާ ނޭދެވޭ އަސަރުތަކުން ރައްކާތެރިކޮށްދެއެވެ.

އަނގައިން ނުބައިވަސް ދުވުމާއި ދުރުކޮށްދިނުން

ކިއުކަންބާގައި އެކުލެވިފައިވާ ފެނުގެ ސަބަބުން، އަނގައިގައި ކުޅު އުފައްދައި ދިނުން ރަނގަޅުކޮށްދީ، އަނގައިިން ނުބައިވަސް ދުވުމަށް މެދުވެރިވާ ބެކްޓީރިއާތައް ނައްތާލަދެއެވެ.

ކެންސަރުގެ ނުރައްކަލުން ރައްކާތެރިކޮށް ދިނުން

ޕޮލިފެނޮލްސް އެއް ކަމަށްވާ ލިގްނަންސް، ކިއުކަންބާގައި އެކުލެވިގެންވެއެވެ. މި މާއްދާއަކީ ކެންސަރުން ހަށިގަނޑު ރައްކާތެރިކޮށްދިނުމަށް އެހީވެދޭ މާއްދާއެކެވެ. އޭގެ ތެރޭގައި އުރަމަތީގެ ކެންސަރާއި، ރަހީމްގެ ކެންސަރު ހިމެނެއެވެ.

ކަށިތައް ރައްކާތެރިކޮށްދިނުން

ކިއުކަންބާއަކީ ވިޓަމިން ކޭ އެކުލެވިގެންވާ ތަރުކާރީއެކެވެ. ވިޓަމިން ކޭ ހަށިގަނޑަށް ނުލިބޭނަމަ ކަށިތައް ބަލިވުމުގެ ފުރުސަތު ބޮޑުވެގެންދެއެވެ. އެއް ޖޯޑު ކިއުކަންބާއިން ހަށިގަނޑަށް ދުވާލެއްގެ މައްޗަށް ވިޓަމިން ކޭ ބޭނުންވާ މިންވަރުގެ 22 އިންސައްތަ ލިބިދެއެވެ.