ބެލެނިވެރިންގެ ސަމާލުކަން ފޯނަށް: ކުދިންނަށް ނޭދެވޭ އަސަރު ކުރާކަން އެނގޭތަ؟

ދަރިންނަށް ލޯތްބާއި އަޅާލުންދިނުމަށް ކޮންމެ ބެލެނިވެރިއެއްވެސް ބޭނުންވާނެއެވެ. އެކަމަށްޓަކައި ދަރިފުޅާއެކު ގިނަ ވަގުތު ހޭދަކުރަންވެސް ޖެހެއެވެ. ދަރިންނާއެކު ވަގުތު ހޭދަކުރާއިރުވެސް ގިނަ ބެލެނިވެރިންގެ ސަމާލުކަން މިހާރު ހުއްޓިފައިވަނީ ދަރިންނަކަށް ނޫނެވެ. ބެލެނިވެރިންގެ ސަމާލުކަން ހުއްޓިފައިވަނީ ސްމާޓްފޯނަށެވެ.

ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުން، މިއީ އާދައިގެ ކަމެއްކަމަށް ބައެއް ބެލެނިވެރިން ދެކުނު ނަމަވެސް މީގެ ނަތީޖާ ވަރަށް ގޯހެވެ. މިއީ ދަރިފުޅުގެ ހެދިބޮޑުވުމަށާއި އުޅުމަށްވެސް ވަރަށް ބޮޑަށް ނޭދެވޭ އަސަރުތަކެއް ކުރުވާ ކަމެކެވެ.

ދަރިންނާއެކު ބެލެނިވެރިން ހޭދަކުރާ ވަގުތު، ބެލެނިވެރިންގެ ސަމާލުކަން ފޯނަށް ހުންނަ ނަމަ އެ ކުދިންގެ ސިކުނޑީގެ ހެދިބޮޑުވުމަށް ނޭދެވޭ އަސަރު ކުރެއެވެ. މި ނޭދެވޭ އަސަރު ދިގު މުއްދަތަކަށް ކުދިންނަށް ކުރެއެވެ. ފަހަރުގައި ކުއްޖާ ޑިޕްރެޝަނަށް ދިއުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

ބެލެނިވެރިންނަކީ ދަރިންނަށް ނަމޫނާ ދައްކަން ތިބި މީހުންނެވެ. ގިނަ ބެލެނިވެރިންވަނީ އެ މީހުންގެ ދަރިން ފޯނާއި ކުޅުމުގައި ހޭދަކުރެވޭނެ ވަކި ވަގުތެއް ކަނޑައަޅާފައެވެ. ނަމަވެސް ބެލެނިވެރިންގެ ފަރާތުން އެ ނަމޫނާ ދަރިންނަށް ނުފެނުމަކީ ދެވޭ ނުރަނގަޅު މެސެޖެކެވެ.

ކުދިންނަށް ސަމާލުކަން ދިނުމުގެ ބަދަލުގައި ބެލެނިވެރިންގެ ސަމާލުކަން ފޯނަށް ހުރުމުން އެ ކުދިން ދެރަވާނެއެވެ. ހިތްހަމަވެސް ނުޖެހޭނެއެވެ. ފަހަރުގައި ރުޅިގަދަވުމަކީވެސް އެކަށީގެންވާ ކަމެކެވެ. އަދި އެ ކުދިންނަށް އެކަނިވެރިކަން އިހުސާސްކުރެވޭނެއެވެ. ދަރިފުޅުގެ މައްޗަށް މައިންބަފައިން ފޯނު އިސްކުރާކަމަށް އެ ކުދިން ދެކޭނެއެވެ.