ކުރުނބާ ފެނުގައި ހުރި ފައިދާތައް

ރާއްޖޭގައި ކުރުނބާފެން ނުބޯ މީހެއް ނޫޅޭނޭވެސް ބުނެވިދާނެއެވެ. ގައުމީ ގަހުން ލިބިދޭ މި މީރު ފެނަކީ އެތައް ފައިދާއެއް އެކުލެވިގެންވާ ފެނެކެވެ. ނަމަވެސް މާލޭގައި އުޅޭ މީހުންނަށް ތާޒާ ކުރުނބާފެން ހެޔޮއަގުގައި ލިބެން ނުހުރެދާނެއެވެ. ކެމިކަލްއާއި އެހެނިހެން ޕްރިޒަވޭޓީވްސް އަޅާފައި ހުންނަ ބަންދު ކޮއްފައި ހުންނަ ކުރުނބާފެން އެޔަށްވުރެ އަގު ހެޔޮވެދާނެއެވެ. ތާޒާ ކުރުނބާ ފެނުން ލިބޭ ފައިދާތައް އެކަމަކު މާ ގިނައެވެ.

ކުރުނބާ ފެނާއި ކާށި ކިރާއި އެހެންވެސް އެއްޗެހި އަންނަނީ މީގެ އެތައް ގަރުނު ތަކެއް ކުރިން ބޭސްވެރިކަމަށްވެސް ބޭނުން ކުރެވެމުންނެވެ. ބުނެވޭ ގޮތުގައި ހަޖަމު ކުރުމުގެ ނިޒާމަށާއި، ކުޑަ ކަމުދިޔުމުގެ ނިޒާމަށާއި، އަދި ދަރި ފަނި ގިނަ ކުރުމަށްވެސް ކުރުނބާފެން ބޭނުން ކުރެއެވެ. އަދި ހަށިގަނޑުން ފެންމަދުވުމުން ނުވަތަ އިނގިރޭސިން ބުނާ ކަމުގައިވާނަމަ "ޑީހައިޑްރޭޓް" ކަން ފިލުވުމަށްވެސް ކުރުނބާފެން މިއީ ވަރަށް ރަނގަޅު އެއްޗެކެވެ.  

ކުރުނބާފެނަކީ ސްޕޯޓްސް ޑްރިންކް ތަކާއި ދާދި އެއް ހަމައެއްގައި ހިފަހައްޓާލެވޭނެ ބުއިމެކެވެ. ދިގު ދުވުން ތަކުގައި ނުވަތަ ކަރު ހިއްކާނެ ކަހަލަ ކުޅިވަރު ތަކުގައި ކުރުނބާފެން މިއީ ދެވަނައެއް ނެއްފަދަ ބުއިމެކެވެ. އެއީ އެއްވެސް އިތުރު ކުލަ ނުވަތަ އިތުރު ހަކުރެއްވެސް ކުރުނބާފެނުގައި ނުހިމެނޭތީއެވެ. ނަމަވެސް ކުރުނބާފެނުގައި ސޯޑިއަމް މަދުވާނެއެވެ. ދާ ހިއްލުމުން ހަށިގަނޑުން ބޭރުވެގެންދާ އެންމެ ގިނަ އެއް މާއްދާއަކީ ސޯޑިއަމްއެވެ. އަދި ކުރުނބާފެނުގައި ކާބޯހައިޑްރޭޓްވެސް މަދުވާނެއެވެ. މިއީ ހަށިގަނޑަށް ހަކަތަ ފޯރުކޮއްދޭ މާއްދާއެވެ. ވިމާ 90 މިނެއްޓަށް ވުރެ ގިނައިރުވާ ކުޅިވަރުތަކުގައި ކުރުނބާފެނުން ބޭނުންވާ ވަރަށް ހަކަތަ ފޯރު ނުކޮއްދެވުނަސް ކަރުހިއްކުން ފިލުވައިދީ ހަށިގަނޑު ރީހައިޑްރޭޓް ކޮއްދޭނެއެވެ.

ކުރުނބާފެނަކީ ކެލޮރީ މަދު ބުއިމެކެވެ. ތައްޓެއްގައި އެންމެ 45 ކެލޮރީ ހިމެނޭ މިފެން، އެހެން ފޮނި ބުއިންތަކުގެ ބަދަލުގައި ބޭނުން ކުރުމުން ހަށިގަނޑަށް މާ ފައިދާ ލިބިދޭނެއެވެ. އަދި ކުރުނބާ ފެނުގައި އިލެކްޓްރޯލައިޓްސްވެސް ހިމެނެއެވެ. މީގެ އިތުރުން މީގެ އިތުރުން ކެލްސިއަމް، މެގްނީސިއަމް، ޕޮޓޭސިއަމް، އެންޓި އޮކްސިޑެންޓްސް، އަމިނޯ އެސިޑްސް، އަދި ސައިޓޯކިނިންސް ފަދަ އެތައް ބައިވަރު ފައިދާހުރި މާއްދާތައް ކުރުނބާ ފެނުގައި ހިމެނެއެވެ. ނަމަވެސް މި ފައިދާތައް އެންމެ ރަނގަޅުގޮތުގައި ލިބިދޭނީ ތާޒާ ކުރުނބާއިންނެވެ.

 

މައުލޫމާތު ނަގާފައިވަނީ މެޑިކަލް ނިއުސް ޓުޑޭއިން.