ކެއުމުގައި އާފަލު ހިމަނަންވީ ކީއްވެ؟

އާފަލަކީ ނިއުޓްރިއެންޓްސް އިން ފުރިގެންވާ މޭވާއެކެވެ. އާފަލުން ހަށިގަނޑަށް ލިއްބައިދޭ ފައިދާތަކުގެ ސަބަބުން، ކޮންމެ ދުވަހަކުވެސް އާފަލެއް ކެއުމަށް ޑޮކްޓަރުން ލަފާދެއެވެ. ހަށިގަނޑަށް ބޭނުންވާ މާއްދާތައް ލިއްބައިދިނުމުގެ އިތުރުން ކެއުމުގައި އާފަލު ހިމަނާނަމަ ބައެއް ބޮޑެތި ބަލިތަކުން ދުރުކޮށްދެއެވެ.

ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ގަވާއިދުން އާފަލު ކެއުމަކީ ބައެއް ބާވަތުގެ ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ ކަމެކެވެ. އެގޮތުން ޕެންކްރިއާޓިކް ކެންސަރު ޖެހުމުގެ ފުރުސަތު 23 އިންސައްތަ ކުޑަކޮށްދޭ ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

ކޮންމެ ދުވަހަކުވެސް އާފަލެއް ކާ އަންހެނަކަށް ޓައިޕް 2 ޑައިބެޓިކް ޖެހުމުގެ ފުރުސަތު އާފަލު ނުކާ މީހަކާ އަޅާބަލާއިރު 28 އިންސައްތަ ކުޑަކޮށްދެއެވެ. އަދި ކޮލެސްޓްރޯލް މަތިވުމުގެ މައްސަލަ ހުންނަ މީހުންވެސް ގަވާއިދުން އާފަލު ކެއުމަށް ސިއްހީ މާހިރުން ލަފާދެއެވެ. ސަބަބަކީ އާފަލުގައި ހިމެނޭ މާއްދާތަކުގެ ސަބަބުން ކޮލެސްޓްރޯލްގެ މިންވަރު ދަށްކޮށްދިނުމަށް އެހީވެދޭތީއެވެ.

ކެއުމުގައި އާފަލު ހިމެނުމަކީ ދަތްތައް ހުދުކޮށްދިނުމަށް އެހީވެދޭ ކަމެކެވެ. ދަތްތަކުގައި ބެކްޓީރިއާ ހުންނަ މިންވަރު، އާފަލު ކެއުމުގެ ސަބަބުން ކުޑަކޮށްދޭއިރު މިކަމުގެ ސަބަބުން ދަތްފަނި ކެއުމުން ދަތްތައް ސަލާމަތްކޮށްދެއެވެ. އަދި ދަތްތައް ވަރުގަދަކޮށްދިނުމަށްވެސް އާފަލު އެހީވެދެއެވެ.