ކޮންމެ ދުވަހަކުވެސް ފޮތި މާސްކް ދޮންނަން ޖެހޭ: ސިއްހީ މާހިރުން

ދުނިޔޭގައި ކޮވިޑް-19 ފެތުރެމުންދާ މިންވަރު، ދުވަހުން ދުވަހަށް ދަނީ އިތުރުވަމުންނެވެ. ކޮވިޑް-19 އާ ގުޅިގެން ބައެއް ގައުމުތަކުން ކުރި ލޮކްޑައުންތަކަށް ލުއިދެމުންދާއިރު، ގެއިން ބޭރަށް ނުކުންނަމަ ފޭސް މާސްކް އެޅުމަށް ސިއްހީ މާހިރުން ދަނީ އިރުޝާދު ދެމުންނެވެ.

އެގޮތުން ފޮތި ބޭނުންކޮށްގެން ތައްޔާރުކޮށްފައި ހުންނަ ފޭސް މާސްކްވެސް ބޭނުން ކުރެވިދާނެ ކަމަށާއި މިއީވެސް ކޮވިޑް-19 ފެތުރު ކުޑަކުރުމަށް ކުރެވިދާނެ ކަމެއްކަމަށް ސިއްހީ މާހިރުން ދަނީ ބުނަމުންނެވެ. ފޮތި ފޭސް މާސްކް ބޭނުންކުރާއިރު، މާސްކް ރަނގަޅަށް ދޮވުމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭނެއެވެ.

ފޮތި މާސްކް ބޭނުން ކުރުމުގައި ހެދޭ އެންމެ ބޮޑު އެއް ގޯހަކީ، ގަވާއިދުން މާސްކް ނުދޮވުމެވެ. އެމެރިކާގެ ޑާމެޓޮލޮޖީ ޕްރޮފެސަރެއް ކަމަށްވާ ޝާލީން ވިދާޅުވި ގޮތުގައި މަދުވެގެން ދުވާލަކު އެއް ފަހަރު ފޮތި މާސްކް ދޮންނަން ޖެހެއެވެ.

ކޮވިޑް-19 ވައިރަސް މީހެއްގެ ހަށިގަނޑުގައި ހުރިނަމަވެސް ބަލީގެ އަލާމާތްތައް ނުފެނިވެސް ހުރެދާނެކަން ފާހަގަކޮށް ޝާލީން ވިދާޅުވީ އެފަދަ މީހަކު މާސްކް ނާޅާހުރެ ތިމާގެ ކުރިމަތީގައި ހުރެ ވާހަކަ ދައްކާއިރު، ނުވަތަ ކެއްސާ ކިނބިހި އަޅާއިރު ބޭރުވާ ޑްރޮޕްލެޓްސް ތިމާ އަޅައިގެން ހުރި މާސްކަށް ވާސިލުވާ ކަމަށެވެ.

ކޮންމެ ދުވަހަކުވެސް މާސްކް ދޮންނަން ޖެހޭއިރު، މާސްކް ތެމިއްޖެނަމަ ނުވަތަ ހަޑިވެއްޖެ ނަމަވެސް މާސްކް ދޮންނަން ޖެހެއެވެ. އަދި އަތް ހަޑިކޮށް ހުއްޓާ މާސްކްގައި އަތް ލެވިއްޖެނަމަވެސް މާސްކް ދޮންނަން ޖެހެއެވެ.

ސިއްހީ ބައެއް މާހިރުން ވިދާޅުވާ ގޮތުން ބައެއް މީހުން މާސްކް ދޮންނަނީ ހަމައެކަނި ފެނުންނެވެ. ނަމަވެސް ޑިޓަޖެންޓެއް ފަދަ އެއްޗެއް ބޭނުންކޮށްގެން މާސްކް ދޮވުމަށާއި މާސްކް ދޮވުމަށް ހޫނު ފެން ބޭނުން ކުރުމަކީވެސް ކުރެވިދާނެ ކަމެއް ކަމަށް ސިއްހީ ބައެއް މާހިރުން ވަނީ ލަފާ ދީފައެވެ.