ކުޑައިރުގެ އެކުވެރިން ކޮބާ؟ ގުޅުން ބަދަހިކޮށްލަމާ

ކުޑައިރު އެކުގައި އުޅުނު އެކުވެރިންނާއި ސްކޫލު ދައުރުގައި އެންމެ ގާތުގައި އުޅުނު އެކުވެރިންނާއި ގުޅިފައިވާ ހަނދާންތަކަކީ ވަރަށް ހާއްސަ ހަނދާންތަކެކެވެ. މޫދަށް ދިއުމާއި، ކުޅިވަރު ކުޅުމާއި އަދި އެނޫންވެސް އެތައް ހަނދާންތަކާއި ގުޅިފައިވަނީ އެ އެކުވެރިންނެވެ.

އޭރު އާއިލާއެއް ފަދައިން އެކުގައި އުޅުނު އެކުވެރިންނާއި މިއަދުވެސް ގުޅުން ރަނގަޅު ހެއްޔެވެ؟ އެ ގުޅުން މިއަދުވެސް އެބަ އޮތް ހެއްޔެވެ؟

ދިރިއުޅުމަށް އައިސްފައިވާ ބަދަލުތަކާއެކު އެންމެންވެސް މިވަނީ "ބިޒީ" ވެފައެވެ. ދިރިއުޅުން އެހެން ރަށަކަށް ބަދަލުވުމުން، އާއިލާ އާއި ވަޒީފާގެ ކަންކަން ހުންނަ ގޮތުން ބައެއް މީހުން މިވަނީ އޭރުގެ އެކުވެރިންނާއި ދުރުވެފައެވެ.

އެ ގުޅުން އަލުން ބަދަހިކޮށްލަން ހިނގާށެވެ.

އެކުވެރިޔާއަށް ގުޅާލާ

ކުރީގެ ގާތް އެކުވެރިންނާއި އަލުން ގުޅުން ބަދަހިކުރުމަށް ވަކި ދަނޑިވަޅަކަށް ނުވަތަ ވަކި ވަގުތަކަށް ނުބަލާށެވެ. ފޯނު ނަގައި ގުޅާލާށެވެ. ނޫނީ މެސެޖްކޮށްލާށެވެ. އެކުވެރިންނަށް ފަސޭހަ ދުވަހެއް ނުވަތަ ފަސޭހަ ވަގުތެއް ހަމަޖައްސާލައި، އެންމެން ބައްދަލުކޮށްލާށެވެ. ނޫނީ އެކުވެރިންނާއެކު ކޮންފަރެންސް ކޯލެއްގައި ވާހަކަ ދައްކާލެވިދާނެއެވެ. ނޫނީ ވައިބާ ގްރޫޕެއް ހަދާ ގުޅުން އަލުން ބަދަހިކޮށްލާށެވެ.

ފުރަމަ ބައްދަލުވުން ކުރުކޮށްލާ

ގިނަ ދުވަސްތަކަކަށްފަހު އެކުވެރިންނާއެކު ބާއްވާ ބައްދަލުވުމަކީ ކުރު ބައްދަލުވުމަކަށް ހަދާށެވެ. އޭރުން އެފަދަ ބައްދަލުވުމެއް އަނެއްކާވެސް ބޭއްވުމަށް އެކުވެރިން އެދޭނެއެވެ. އަދި އެކަމަށް އެކުވެރިން މަސައްކަތްވެސް ކުރާނެއެވެ.

ކުރީގެ ހަނދާންތަކާއި ދުރުވުމެއް ނެތް

އެކުވެރިންނާއެކު ބައްދަލުވުންތަކުގައި ކުރީގެ ހަނދާންތައް އާކުރާށެވެ. އެކުގައި ނަގާފައިވާ ފޮޓޯތައް ވައިބާ ގްރޫޕްގައި ހިއްސާކޮށްލާށެވެ. ކުޑައިރު އެކުގައި ކޮށްފައިވާ މަސައްކަތެއް މިސާލަކަށް ކުރެހުމެއް، ނޯޓު ފޮތުގައި ލިޔެފައިވާ ލިޔުމެއް ފަދަ އެއްޗެއްވެސް ހިއްސާކޮށްލެވިދާނެއެވެ.