މީސަލްސް ޖެހިފައިވާ މީހެއް: ފޮޓޯ ގެޓީ އިމޭޖްސް

މީސަލްސް ފެތުރުން މިއަހަރު އިތުރުވެދާނެ ކަމުގެ ބިރު ހީވެއްޖެ

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ހިމަ ބިހި ނުވަތަ މީސަލްސް ފެތުރުން މިއަހަރު އިތުރުވެގެން ހިނގައިދާނެ ކަމުގެ ބިރު ހީވެއްޖެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން 2017 ވަނަ މީސަލްސްގެ 7.6 މިލިއަން ކޭސް ރިޕޯޓް ކުރެވުނުއިރު، އެބަލީގައި 124000 މީހުން މަރުވިއެވެ. އަދި މިދިޔަ އަހަރު މީސަލްސްގެ 9.8 މިލިއަން ކޭސް ރިޕޯޓް ކުރެވުނު ކަމަށާއި އެ ބަލީގައި މަރުވި މީހުންގެ އަދަދު 142000 އަށް އަރާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މީސަލްސް ޖެހިގެން މިދިޔަ އަހަރު މަރުވި މީހުންގެ ތެރޭގައި ގިނައީ ފަސް އަހަރުން ދަށުގެ ކުދިންނެވެ.

ސިއްހީ މާހިރުން ބުނާ ގޮތުން، ވެކްސިން ޖަހައިގެން މީސަލްސް އިން ވަރަށް ފަސޭހައިން ރައްކާތެރިވެވޭނެއެވެ.

އިނގިރޭސި ވިލާތާއި އަލްބޭނިއާއި ޗެކް ރިޕަބްލިކް އަދި ގްރީސް އަކީ މީގެ ކުރިން މީސަލްސް ނައްތާލެވިފައިވާ ގައުމުތަކުގެ ގޮތުގައި އިއުލާނުކުރެވިފައިވާ ގައުމުތަކެވެ. ނަމަވެސް އެ މަގާމު މިދިޔަ އަހަރު އެ ގައުމުތަކަށް ވަނީ ގެއްލިފައެވެ.

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ، މަޑަގަސްކަރަ އަދި ޔޫކްރެއިން ގައި މީސަލްސް ދަނީ ފެތުރެމުންނެވެ. މީސަލްސް ފެތުރެމުންދާތީ ސަމޯއާގައި ވަނީ ކުއްލި ނުރައްކަލުގެ ހާލާތު އިއުލާނުކޮށްފައެވެ. ސަމޯއާގައި، މީސަލްސް ވެކްސިން ނުދީ ތިބި މީހުން އުޅޭ ގޭގެއަށް ސިއްހީ މާހިރުން ޒިޔާރަތްކޮށް ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށްދާއިރު، ވެކްސިން ނުދީ ތިބި މީހުން އުޅޭ ގޭގޭގައި ރަތް ކުލައިގެ ދިދައެއްވެސް ވަނީ ނަގާފައެވެ.