އަނބުން ސިއްހީ އެތައް ފައިދާތަކެއް

އަނބަކީ ރާއްޖޭގައިވެސް ހައްދާ، ވަރަށް އާންމު މޭވާއެކެވެ. މިއީ އޭގައި ސިއްހީ ފައިދާތަކެއް އެކުލެވޭ ވަރަށް މީރު މޭވާއެކެވެ. 225 ގްރާމް އަނބެއްގައި، 105 ކެލޮރީ ހުރެއެވެ. ދުވާލަކަށް ހަށިގަނޑަށް ވިޓަމިން އޭ ބޭނުންވާ މިންވަރުގެ 25 އިންސައްތަ، ވިޓަމިން ސީ ބޭނުންވާ މިންވަރުގެ 76 އިންސައްތަ، ކޮޕާ ބޭނުންވާ މިންވަރުގެ ނުވައެއް އިންސައްތަ، އެ ސައިޒުގެ އަނބަކުން ލިއްބައިދެއެވެ. އެއާއެކު ދުވާލަކަށް ހަށިގަނޑަށް ޕޮޓޭސިއަމް ބޭނުންވާ މިންވަރުގެ ހަތް އިންސައްތަވެސް ލިއްބައިދެއެވެ.

ކޮންމެ ދުވަހަކު ގަވާއިދުން އަނބެއް ކާނަމަ، ބަނޑު ހަރުވެ ފާހާނާ ނުކުރެވުމުގެ މައްސަލަ އާއި ފުރަގަސް ފަރާތު މައްސަލަ އަދި ބަނޑުގެ އެހެނިހެން މައްސަލަތައް ހައްލުވާނެއެވެ.

އަނބުން ލިބޭ ބައެއް ސިއްހީ ފައިދާތައް

 

ކެންސަރާއި ދުރުކޮށްދޭ

އަނބުގައި ހިމެނޭ އެންޓިއޮކްސިޑެންޓްސްގެ ސަބަބުން، ބައެއް ބާވަތްތަކުގެ ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަކޮށްދެއެވެ. އޭގެ ތެރޭގައި ކޮލޮން ކެންސަރާއި، އުރަމަތީގެ ކެންސަރާއި، ލިއުކީމިއާ ކެންސަރު އަދި ޕްރޮސްޓޭޓް ކެންސަރު ހިމެނެއެވެ.

ލޮލަށް ފަރުވާއެއް

ގާތްގަނޑަކަށް 225 ގްރާމް އަނބަކުން، ދުވާލަކަށް ހަށިގަނޑަށް ވިޓަމިން އޭ ބޭނުންވާ މިންވަރުގެ 25 އިންސައްތަ ލިއްބައިދެއެވެ. ވިޓަމިން އޭ އަކީ ލޮލަށް ވަރަށް މުހިންމު މާއްދާއެކެވެ. މިއީ ލޮލުގެ ފެނުން ރަނގަޅުކޮށްދޭ މާއްދާއެކެވެ.

ސިކުނޑި ދުޅަހެޔޮކޮށްދޭ

އަނބަކީ ވިޓަމިން ބީ6 ވެސް ހިމެނޭ މޭވާއެކެވެ. މި މާއްދާއަކީ ސިކުނޑީގެ މަސައްކަތްތައް ރަނގަޅުކޮށްދޭން އެހީވެދޭ މާއްދާއެކެވެ. ހަމައެއާއެކު ހަމަ ނިދި ލިބުމަށް މަގުފަހިކޮށްދެއެވެ.

ދިފާއީ ނިޒާމު ވަރުގަދަ ކޮށްދިނުން

ވިޓަމިން އޭ އަދި ސީގެ އިތުރުން ތަފާތު 25 ވައްތަރުގެ ކެރޮޓެނޮއިޑްސް، އަނބުގައި ހިމެނެއެވެ. މިއީ ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށްދިނުމަށްވެސް އެހީވެދޭ މޭވާއެކެވެ.

ކޮލެސްޓްރޯލް ކޮންޓްރޯލްކޮށްދޭ

އަނބުގައި އެކުލެވިގެންވާ ވިޓަމިން ސީ، ފެކްޓިން، އަދި ފައިބާގެ ސަބަބުން ހަށިގަނޑުގައި ކޮލެސްޓްރޯލް މިންވަރު ކޮންޓްރޯލްކޮށްދީ ހަމައަކަށް އަޅުވައި ދިނުމަށް އެހީވެދެއެވެ. އެއާއެކު ހާޓް ރޭޓް ހުންނަން ޖެހޭ މިންވަރުގައި ހިފަހައްޓައި ދިނުމަށާއި ލޭގެ ޕްރެޝަރު ކޮންޓްރޯލް ކޮށްދިނުމަށް އެހީވެދެއެވެ.